ހަނިމާދޫ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް މިހެން ވިދާޅުވިއިރު، އެއާޕޯޓުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާފައިވަނީ މި ސަރުކާރުގެ ދުވަސްވަރުގައެވެ.
ޝަރީފް ވިދާޅުވިގޮތުގައި، ސަރުކާރާ ހަވާލުވިއިރު، އެއާޕޯޓުގެ މުހިންމު ގިނަ ބައިތަކެއްގެ މަސައްކަތް ހުރީ ނުނިމިއެވެ. އެގޮތުން ޓާމިނަލް އިމާރާތާއި، ކާގޯ ޓާމިނަލް އަދި ޖެޓީގެ މަސައްކަތް ނުނިމި ހުއްޓެވެ. މީގެ އިތުރުން ފަޔާ ސްޓޭޝަނާއި އިންޖީނުގޭގެ މަސައްކަތް ވެސް ނިންމާލެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަޝްރޫއުގެ ބާކީ އޮތް 72 ޕަސަންޓުގެ ބޮޑު ބައި މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވަމުން ޝަރީފް ވިދާޅުވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމަނިކުފާނުގެ ޓީމުން ދެއްވި ފަންނީ ލަފަޔާއި އެހީތެރިކަން ނުލިބުނު ނަމަ މި މަސައްކަތް މިހާ އަވަހަށް ނިންމާނުލެވޭނެ ކަމަށެވެ.