އާންމުކޮށް ގިނައިން އެކުގައި ފެންނަ ދެމަފިރިންނެއް ނޫން ނަމަވެސް، މި ފަހަރު އެ ދެމީހުން ފެނިފައިވަނީ ލޮސް އެންޖެލިސްގެ ބެވަލީ ހިލްސްގައި ހުންނަ ރެސްޓޯރެންޓަކުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ދެ ތަރިން ފެނިފައިވަނީ ބެވަލީ ހިލްސްގައި ހުންނަ އިޓަލީގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ލާ ޑޮލްޗޭ ވީޓާ ބޭރުންނެވެ. އެވަގުތު މީލާ ހުރީ ކަޅު ކުލައިގެ ދިގު ހެދުމެއްގައެވެ. އަދި އެޝްޓަން ހުރީ ކަޅު ފަޓުލޫނަކާއި ލުއިކޮށް ހުރި ގަމީހެއްގައެވެ. ނެގިފައިވާ ފޮޓޯތަކުން އެ ދެމީހުންވެސް ވަރަށް ބޮޑަށް ހިނިތުންވެ، އުފަލުން ތިބިކަން ފާހަގަކުރެވެއެވެ.
"ދެޓް 70ސް ޝޯ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މި ދެމަފިރިންނަކީ ގިނަ ބަޔަކު ސަޕޯޓުކުރާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކުގައި ފެނުމަކީ ގިނަ ފަހަރަށް ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާ ކަމެކެވެ. މީލާގެ އުފަންދުވަހާ ދިމާކޮށް އެ ދެމީހުން އެކުގައި ފެނިގެން ދިއުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ދެމީހުންނަށް ހުއްޓިފައެވެ.