ރައީސް މިކަމަށް ގޮވާލެއްވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އާ އެއާޕޯޓާއެކު އުތުރުގެ އިގްތިސާދަށް އާ ދޮރާއްޓެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ހުޅުވިގެން ދިއުމަކީ އުތުރުގެ ރައްޔިތުންނަށް ހުޅުވުނު "ރަނުގެ ފުރުސަތެއް" ކަމަށެވެ. އެގޮތުން، ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ބޭރުގެ އިންވެސްޓަރުންވެސް މި ފުރުސަތުގެ ބޭނުން ހިފުމަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ. ޓޫރިޒަމާއި、 މަސްވެރިކަމާއި ދަނޑުވެރިކަން އަދި އެހެނިހެން ސިނާއަތްތަކަށް އާ ދޮރާއްޓެއް ހުޅުވުނީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެއާޕޯޓުގެ މަސައްކަތުގެ ނިމިފައި އޮތީ އެންމެ 30 ޕަސަންޓު ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، މަސައްކަތުގެ ބާކީ އޮތް 70 ޕަސަންޓު ފާއިތުވި ދެ އަހަރުގެ ތެރޭގައި ނިންމާލީ އުތުރުގެ ރައްޔިތުންނަށް އިގްތިސާދީ ފުރުސަތުތައް އަވަސްކޮށްދީ، އާމްދަނީ އިތުރުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.