އިންޑިއާ ސަރުކާރުގެ އެހީގައި ހެދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
ކުލަގަދަ ރަސްމިއްޔާތެއް ބާއްވާ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮނުއްވި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.
އެ ރަސްމިއްޔާތަށް ފަހު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީވެ ބޮޑު ރަންވޭއަކާއި އެކު ހުޅުވިގެން ދިޔުން ވެގެންދާނީ އުތުރުގެ ތަރައްގީގެ ނާރެހަކަށް ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ސައީދު ވިދާޅުވީ ހަނިމާދޫގައި އޭރުގެ ސަރުކާރުން އަޅަން ފެށި އެރަށަށް ބޭނުން ނުވާ ވަރުގެ އެއާޕޯޓެއްކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. 136.6 މިލިއަން ޑޮލަރުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއާބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭފަދަގޮތަކަށް ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.