ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބެއްގައި ސިޔާމް ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ސިޔާމް ވިދާޅުވީ، ގައުމު މި ވަގުތު އޮތް އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި، ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މިކަން ކުރުމަށް ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ ކަންކަން ލަސްނުކޮށް ކުރުމުގެ މުހިންމުކަން ސިޔާމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަކީ ރައްޔިތުންނަށް ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ލިބި، ދިރިއުޅުމަށް މަސައްކަތް ކުރުމުގެ ހައްގު ފުރިހަމައަށް ކަށަވަރުވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރުމަށް ސިޔާމް އިލްތިމާސްކުރެއްވިއެވެ. އޭނާގެ ހިތާބު ނިންމަވާލައްވަމުން ވަނީ އިސްލާމް ދީނުގެ އަގީދާގައި ދިވެހިން ސާބިތުކޮށްދެއްވުމަށާއި، ގައުމުގައި ސުލްހަވެރިކަމާއި އަމާންކަން ގާއިމުކޮށްދެއްވުމަށާއި، ޖުމްހޫރީ ނިޒާމު ހަރުދަނާ ކޮށްދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.