ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ގާނޫނާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް ފެނުނު ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު މިއަދު ފާސްކުރިއިރު 24 ގޯނި ފެނިފައިވާ ކަމަށާއި އޭގެ ވަގުތީ ބަރުދަން 355.9 ކިލޯ އަށް އަރާ ކަމަށް ބުންޏެވެ. އެ ގޯނިތަކުގައި ހުރީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 39 އަހަރާއި 42 އަހަރާއި 28 އަހަރާއި 34 އަހަރާއި 63 އަހަރުގެ ފަސް ފިރިހެނުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ އެ މުއައްސަސާއާއީ އެމްއެންޑީއެފާއި، ސްރީލަންކަން ނޭވީއާއި އެ ގައުމުގެ ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.