މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ހޯދައިދިނުން ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރަނގަޅު އަދި ހެޔޮ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިސްލާމީ އިލްމުވެރިންގެ ބަސްފުޅުތަކަށް އިޝާރާތް ކުރައްވައި، އަމާނާތްތެރިކަމާއި އަދުލުވެރިކަން ގާއިމުކުރުމުގެ ގާބިލުކަން ހެޔޮ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދީނީ އަހުލާގަށް އިސްކަންދިނުމާއި، ރައްޔިތުންގެ ހާލަތު ދެނެގަތުމާއި، އެމީހުންގެ ހިޔާލާއި މަޝްވަރާއަށް އިސްކަންދިނުމަކީ ވެސް ރަނގަޅު ވެރިކަމެއްގެ މުހިންމު އަސާސްތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، އެފަދަ ހަރުދަނާ ވެރިކަމެއްގެ ސިފަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުން ފެންނަމުންދާ ކަމަށެވެ. މި ސަރުކާރުން ދީނާއި ގައުމިއްޔަތަށް ހާއްސަ އިސްކަމެއް ދެއްވައި، ޝަރުއީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވައި، ރައްޔިތުންނާ ގާތުން ވެރިކަން ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދުރު ރާސްތާއަށް ވިސްނަވައިގެން ސިޔާސަތުތައް ބައްޓަން ކުރައްވާކަމުގެ ހެއްކެއްގެ ގޮތުގައި، 20 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ.