މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރާއްޖެ އާއި ދެކުނު ކޮރިއާ އާއި ދެމެދު އޮތް ގުޅުން ސިޔާސީ ގުޅުން ގާއިމްވިތާ 58 އަހަރު ފުރުން ފާހަގަކޮށް ބޭއްވި ޖާފަތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖާފަތް އިންތިޒާމް ކުރެއްވީ ކޮރިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މިޔޮން ލީ އެވެ.
މި ޖާފަތް ސަރަފުވެރިކޮށްދެެއްވާ ދެއްކެވި ވާހަކައިގައި މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވާފަ އެވެ.
ގިނަ އަހަރު ތަކެއްގެ ގުޅުމުގެ ތެރެއިން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރެއްވާ މިނިސްޓަރު ހަލީލް ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމުގެ އިތުރުން ތައުލީމާއި، ފަންނިއްޔާތު އަދި ސިއްހީ ދާއިރާ އަށް ދެކުނު ކޮރިއާއިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށް ވަރަށް ޝުކުރުދަންނަވާފައި އެވެ.
ދެ ގައުމުގެ ގުޅުން ބިނާވަނީ، އެކުވެރިކަމާއި، އިހްތިރާމް ކުރުމާއި ގުޅިގެން މަސައްކަތް ކުރުން ކަމަށާއި މި ގުޅުމަކީ، އަމަންކަމާއި ފާގަތިކަމަށް ދެ ގައުމުން ކުރާ އުއްމީދުގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށްވެސް ހަލީލް ފާހަގަ ކުރެއްވި އެވެ.
މި ޖާފަތުގައި މިނިސްޓަރު ހަލީލްގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން އެހެން ޤައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.