ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ ސިއްހީ ދާއިރާއަށްކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވާ އައްޑު އަތޮޅު މީދޫ މޫސާ އަންވަރަށް ސިއްހީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަރުވާފައެވެ. އޭނާ ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވަން ފެއްޓެވީ ޢުމުރުން 16 އަހަރުގައި އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި ހުންނަ ރޯޔަލް އެއާފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައެވެ.
1977 ވަނަ އަހަރު މާލެއަށް ބަދަލުވެ، އޭރުގެ އެލައިޑް ހެލްތު ސާވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ. އެމުއްދަތުގެ ތެރޭގައި ނަރުހުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ތަމްރީންކުރައްވާ އޭރު ހިދުމަތުގައި ތިއްބެވި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވި އެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގައި މޫސާ އަންވަރު ވަނީ ހެލްތުގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އެ ޒިންމާތަކުގައި، ރަށްރަށުގައި ރީޖަނަލް ހޮސްޕިޓަލްތައް އެޅުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމާއި ހިދުމަތްތައް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަރުހަލާގައި ވެސް އުޅުއްވި އެވެ.
އޭގެ އިތުރުން ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓުކުރުމުގައި މަސައްކަތްކުރެއްވި އެވެ. ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހިދުމަތްކުރެއްވުމަށްފަހު އެންމެ ފަހުން ވަކިވެވަޑައިގެންނެވިއިރު މޫސާ އަންވަރު މަސައްކަތްކުރެއްވީ އެމްއެފްޑީއޭގަ އެވެ.