އެ މަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ "އެ ގޮތަށް ވާނުވާގައި މީހުން ތިބެގެން ނުވާނެ" ކަމަށާއި އެ މީހުންގެ ވެސް ހައްގުތަކެއް ހުންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުވި ހިދުމަތް ދޭން ފަށާފައިވާއިރު، ޑްރަގް ކޯޓަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާނެ ކަމަށެވެ.
އަދި މިއިން ކޮންމެ ކަމެއްގެ ބޭނުމަކީ، މައްސަލަތައް އަވަހަށް ކޯޓަށް ވައްދާ، ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވާނުވާ ބަންދު އުވާލަން ގޮވާލާ އެތައް ހާސް ޕޯސްޓެއް ވަނީ ކޮށްފަ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު އެކްސް ގައި ރާއްޖޭގެ އެއްވަނަ ޓްރެންޑަކަށް ވެސް އޮތީ ވާނުވާ އުވާލަން ގޮވާލަން ބޭނުންކުރަމުންދިޔަ ހޭޝްޓެގް އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ނުވަތަ ވާނުވާ ބަންދުގައި ތިބީ 435 މީހެކެވެ. މީގެ ތެރެއިން، ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިއްބެވެ.
ވާނުވާ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ މި ސަރުކާރުން ވަނީ އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން އިލެކްޓްރޯނިކް ޓެގު އަޅުވާފައި ދޫކޮށްލުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް މިހާތަނަށް އެ އުސޫލުގެ ދަށުން ދޫކުރީ އެންމެ 10 މީހެކެވެ.