ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދުގެ ދަށުން ފުވައްމުލަކުގެ މުޅި ފެނުގެ ނިޒާމު ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ފެން ކަނޑާލަން ޖެހުމާއެކު، ފުވައްމުލަކުގައި ފެނަށް ޖެހިފައިވާ މައްސަލަ ހައްލުކުރަން މިހާރު މާލެއިން ވެސް ވަނީ ފެން ކޭސް ގެންގޮސްފަ އެވެ. އެގޮތުން މިހާތަނަށް 3،800 ފެން ކޭސް ގެންގޮސް، 1،200 ފެން ކޭސް ރައްޔިތުންނަށް ދޫކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
13،000އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، އިއްޔެ މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ.
މިކަން ހައްލު ކުރުމަށް ދެ ދުވަސް ނަގާނެ ކަމަށް ފެނަކައާ ހަވާލާދީ ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކައުންސިލްގެ ބަޔާނުގައި ވަނީ އެ ރަށުގެ ފެނުގެ ހިދުމަތަށް ދިމާވަމުންދާ މައްސަލަތައް "ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެވުނު" ކަމަށެވެ. އެގޮތުން އެންމެ ފަހުން، މި ހިނގާ ނޮވެމްބަރު 4، ގައި ރައީސް މުހައްމަދު މުއިއްޒު ފުވައްމަލަކަށް ކުރެއްވި ދަތުރުގައި ވެސް ރަށުގެ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން އެދުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ކުރިން، ފުވައްމުލަކު ފެނަކަ ބްރާންޗުން ފާހަގަކުރި މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ވެސް ގެނެސް، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ.