އެ މައްސަލައިގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 39 އަހަރާއި 42 އަހަރާއި 28 އަހަރާއި 34 އަހަރާއި 63 އަހަރުގެ ފަސް ފިރިހެނުންނެވެ.
ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
އަތުލައިގެން ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
ދިވެހި ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ލަންކާގެ ފުލުހުންނާއި އެ ގައުމުގެ ކަނޑުގެ ސިފައިން ވެސް ދަނީ ބައިވެރިވަމުންނެވެ.
ދިވެހި ފުލުހުން ކުރިން ބުނެފައިވަނީ ގާނޫނާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފާސް ކުރިއިރު، 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.