ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
"ޓްރޭޑްމާކް"އަކީ އެއް ފަރާތުގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެ އެވެ.
މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށްދޭނެއެވެ. އަދި ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކާ ގުޅިގެން ހައްގަކަށް އަރައިގަންނަނަމަ ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.
ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭނެ ގާނޫނީ ފިޔަވަޅުތައް ވެސް މި ބިލުގައި ހިމަނާފައިވާއިރު ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާކުގެ ހައްގަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ހަމައެއާއެކު މާކް ކައުންޓަރފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައި ވެއެވެ.
އެ ބިލުގެ ދަށުން، ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވެއެވެ.
މި ބިލަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް، މި ބިލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައި ވެއެވެ.
އެ ބިލު ފާސްކުރުމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޓްރޭޑްމާކާބެހޭ ބިލަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީީ ކާމިޔާބީއެެއް ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުން ރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި އެ ބިލު ގާނޫނަކަށް ވުމުން ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވުމަށް މަގުފަހިވާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ހައްގުގެ ވެރިފަރާތްތަކުގެ މުދަލަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ޔަގީންކޮށް، އުފެއްދުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ އެވެ.
މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު އޮތް މާހައުލެއް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ސައީދު ވިދާޅުވި އެވެ،