ads
އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް
އާސަންދަ އާއި އިނާޔަތް މަހުޖަނުންނަށް ދިނުން ހުއްޓާލާ: ސަލީމް
އާންމު ރައްޔިތުންނަށް ދޭ އާސަންދަ އާއި ދައުލަތުން ދޭ އެނޫން އެހެން އިނާޔަތްތައް މުއްސަދިންނައް ދިނުން ހުއްޓާލަން ޖެހޭ ކަމަށް މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އަންނަ އަހަރުގެ ބަޖެޓާއި މެދު ބަހުސް ކުރަމަށް މިއަދު މަޖީލިހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދައުލަތުން މިފަދަ އިނާޔަތްތައް ދޭން ޖެހޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށާއި ކޮންމެހެން މުއްސަދިންނައް މިފަދަ އިނާޔަތްތައް ސަރުކާރުގެ ފަރާތުން ދޭން ނުޖެހޭ ކަމުގަ އެވެ.

"އަދުލުވެރި ހަލީފާ، އުމަރު ބިން އަބްދުލް އަޒީޒުގެ ދުވަސްވަރު އިސްލާމީ ދައުލަތުގައި ފަގީރުން ނެތް، ރާއްޖޭގައި ވެސް އެ ގޮތަށް ކަންތައް ކޮށްފި ނަމަ ފަގީރުން ނުތިބޭނެ" ސަލީމް ވިދާޅުވި އެވެ.

އޭނާ މި ބަހުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ތަނަވަސް މީހުންގެ އަތުން ޒަކާތް ނަގަން އޮންނަ އިރު އިރު އެ އަނބުރާ އެ ތަނަވަސް މީހުންނަށް ދޭކަށް ނުޖެހޭ ކަމުގަ އެވެ.

ސަލީމް ވިދާޅުވީ ހަރަދުކުޑަކުރަން ދެން ކުރަންޖެހޭ ކަމަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށާއި، ނަމަވެސް ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭ އައި އެއްވެސް ސަރުކާރަކުން ވެސް އެ މަސައްކަތް ނުކުރާކަމަށެވެ. 

ހަމައެއާއެކު، އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްގައި ދަރަނި ނެގުމަކީ، އޭގެ ޒާތުގައި ކުރުން ރަނގަޅު، ކުރަން ވެސް ޖެހޭ ކަމެއް ނަމަވެސް، ދަރަނި ނެގޭ މިންވަރު އިތުރަށް ހަރުކަށިކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ހަރުކަށި މިންގަނޑެއް ނެތި ބޮޑެތި ދަރަނިތައް ނަގާނަމަ، ދަރަނި ދައްކަން އުފުލަންޖެހޭ ބުރަ ބޮޑުވާތަން ފެންނާތީ ކަމަށް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދައުލަތް ރަނގަޅަށް ހިނގަމުން އައިނަމަ މިއަދު ދިވެހި ރައްޔިތުން ތިބޭނީ މުއްސަނދިކަމުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް