"ޝާމިލް 2025" ގެ ނަމުގައި ބާއްވާ މި ފެއާގެ މައިގަނޑު މަގުސަދަކީ މި ފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތައް އެއް ޔާވައްސެއްގެދަށުން އާންމުންނަށް ދައްކާލުމެވެ.
މި ފެއާގެ މައިގަނޑު އަމާޒަކީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ބާޒާރެއް ހޯދައިދީ، އެމީހުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުން ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. މިގޮތުން ފެއާގެ ތެރެއިން ދިވެހި ސަގާފަތު ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފެއާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކަށް ހާއްސަކޮށްގެން "ޝާމިލް ލޯގޯ" ގެ ނަމުގައި ހާއްސަ ބްރޭންޑެއް ތައާރަފުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ ބިޒްނަސް ކޯޕަރޭޝަން ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، މި ލޯގޯގެ ސަބަބުން އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކޮށް، ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މި ފެއާ އަންނަ ނޮވެމްބަރު މަހުގެ 13، 15 އަދި 16 ގައި ނޭޝަނަލް އާޓް ގެލެރީގައި އޮންނާނެ އެވެ.