ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، މިހާތަނަށް ޖުމްލަ 2241 ފަރާތަކުން ވަނީ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވެފަ އެވެ.
މި ސްކީމުގެ ދަށުން ގުޅީފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ. މި ބަދަލުގެ ސަބަބުން ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާއިރު، ކުރިން ދޫކުރި ބައެއް ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހުރިހާ ހިދުމަތެއް ގާއިމުކުރުމަށް ވަނީ ބިން ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ހިދުމަތްތަކުގެ އިތުރުން، ސިޓީ ހޮޓާ، އިންޑަސްޓްރިއަލް މަސައްކަތްތައް، ޕާކުތައް އަދި ކުޅިވަރު ކުޅޭނެ ސަރަހައްދުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ މައިގަނޑު މަގުސަދަކީ ގުޅީފަޅަކީ ދިރިއުޅުމަށް ފަހި، ހިތްފަސޭހަ މާހައުލަކަށް ހެދުމެވެ.