ޖާބިރު ވިދާޅުވީ، ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ސްޕީޑުގައި ކުރިއަށް ގެންދަވާނަމަ، ގައުމަށް ހާސިލުކުރަން ނިންމަވާފައިވާ ހުރިހާ ލަނޑުދަނޑިއެއް ހާސިލު ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު މިހާރު ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ޖާބިރު ވިދާޅުވީ، ރައީސްގެ ތަރައްގީގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބާއްވާ "މަވެސް ދާން" ޖަލްސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އެމަނިކުފާނު ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ހާމަ ކުރައްވާފައެވެ. ޖާބިރު ވިދާޅުވީ، ރައީސް މުއިއްޒުގެ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމަށާއި، ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.