ރައީސް މުއިއްޒު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހާދިސާގައި މީހުން މަރުވި އަޑު އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި މި ހިތްދަތި ވަގުތުގައި، މަރުވި މީހުންގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވާ ކަމަށާއި، އެ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ މީހުންގެ ހަބަރެއް ވީހާވެސް އަވަހަކަށް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވެއެވެ. އަދި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ތުރުކީގެ އުހުއްވަތްތެރި ރައްޔިތުންނާ އެކު ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.