އެންސްޕާއިން ބުނީ މިދިޔަ އަހަރު އައިވީއެފް ފަރުވާއަށް ހަރަދުކުރީ 4.78 މިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެންސްޕާއިން ބުނެއެވެ.
އޮކްޓޯބަރުމަހުގެ ނިޔަލަށް އައިވީއެފް ފަރުވާ ހޯދުމަށް 93 މީހަކަށް އެހީ ދިންކަމަށް އެންސްޕާއިން ބުނެއެވެ. އަދި އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބުކަމަށްވެސް އެންސްޕާއިން ބުނެއެވެ.
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އައިވީއެފް ފަރުވާއަށް އާސަންދައިން ހިލޭހޯދަން ބޭނުންވާ މީހުން އެކަމަށް އެދިކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ މާރިޗުމަހުގެ 16 ވަނދުވަހުއެވެ. އެފަހަރު 153 މީހުން ކުރިމަތިލީއިރު ޝަރުތު ހަމަވެ އާސަންދައިން އެހީ ހަމަޖައްސާދީފައިވަނީ 37 މީހަކަށެވެ.
އައިވީއެފްގެ ދެވަނަ ބުރުގައި ފޯމު ހުށަހެޅި ޖުމްލަ 216 ފަރާތްތަކުންނެވެ. އެ ފަހަރު 64 މީހަކަށް ދެވަނަ ބުރުގައި އެހީ ހަމަޖެހުނުކަން އާސަންދައިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި "އައިވީއެފް" ފަރުވާއަށް ހިލޭ އެހީ ދިނުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އާސަންދައިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށްކަމަށެވެ. އަދި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށެވެ.