ފުވައްމުލަކުގައި ފެން ބޭނުން ނުކުރެވޭ މިންވަރަށް ތަގައްޔަރު ވެފައިވާތީ އެ ރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް ކެނޑި ރަށް އެއްކޮށް އޮތީ ފެނަށް ޖެހިފައެވެ.
އެރަށަށް އަލުން ފެނުގެ ހިދުމަތް ދިނުމަށް ސަރުކާރުން ބުނި ވަގުތު ހަމަވި ފަހުން ފެނަކައިން އިއްޔެ ހަވީރުވުމުގެ ކުރިން ފެން ދޭނެކަމަށް ބުންޏެވެ. އެހެންނަމަވެސް އެ ވަގުތުގައިވެސް ފެނުގެ ހިދުމަތް ދެވިފައި ނުވާތީ އެ ސިޓީގެ ރައްޔިތުން އިއްޔެ އާއި ރޭވެސް ވަނީ އިހްތިޖާޖުކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ ފުވައްމުލަކަށް ދިމާވި ފެނުނުގެ މައްސަލަ ރޭ ހައްލުކޮށްފައިވާކަމަށެވެ. އަދި އެ ސިޓީގެ ހުރިހާ ގެތެކަށް މިހާރު ފެން ލިބެމުން ދާނެކަމަށް ނަޖާހު ވިދާޅުވިއެވެ. އެހެންނަމަވެސް އެރަށުގެ ބައެއް ގޭގެއަށް އަދިވެސް ފެން ނިލިބޭކަމުގެ ޝަކުވާ ބައެއް ރައްޔިތުން އަންނަނީ ކުރަމުންނެވެ.
މިކަމާއި ގުޅިގެން ނަޖާހު ވިދާޅުވީ މިހާރު ފެން ނުލިބިވާ ގެތަކަކީ ސަޕްލައި ފެނާއި ވަޅުފެން އެއް ހޮޅިއަކަށް ގުޅައިގެން ބޭނުންކުރަމުން އަންނަ ގެތަކުން ކަމަށެވެ. އެހެންކަމުން އެގޮތަށް ހަދާފައި ހުރި ގެތަކުން އެކަން ރަނގަޅުކުރަން އަންގަމުން އަންނަކަމަށް ނަޖާހު ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ އެހީ އެދިއްޖެނަމަ އެ ކުންފުނިން ގޮސް އެކަން ރަނގަޅުކޮށް ދޭން ތައްޔާރަށް ތިބިކަމަށްވެސް ފެނަކަ އެމްޑީ މުހައްމަދު ނަޖާހު ވިދާޅުވިއެވެ.