ކިސްވާ، އުމުރުން އެންމެ ހަ އަހަރުގެ ކިސްވާއަކީ މުޅި ގޭގެ އުޖާލާކަމެވެ. ނުތަވަސް ހިތްތަކަށް ކިސްވާއަކީ ފަރުވާއެކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ހިތްތަކަށް ފޯރުކޮށްދިނުމުގައި ކިސްވާއަކީ، ﷲތައާލާގެ ފުރިހަމަކަމުގެ ނަމޫނާއެކެވެ. މުޅި ގޭގެ 'ބެސްޓް ފްރެންޑް'އަކީ ކިސްވާ އެވެ. ނަމަވެސް، ކިސްވާގެ 'ބެސްޓް ފްރެންޑަކީ، 'ސްނޯ ބޯލް' އެވެ. ސްނޯ ބޯލްއާއި ވަކިން، ސްކޫލަށް ދާންޖެހުމަކީވެސް ކިސްވާގެ ޝަކުވާ މުޅި ގެ އަޑުއަހަންޖެހޭ ވަގުތެކެވެ. ސްނޯ ބޯލްއާއި ކިސްވާ ވަކިވުމެއް ނެތެވެ. އެކަކު އަނެކެއްގެ ހިމާޔަތުގައި ނިކުންނައިރު، އެހެން މީހުންގެ ގައިން ހީނބިހި ނަގުވާލަ އެވެ.
ފަރީހާ ޔޫސުފް ޔާސިރަކީ، ނަމޫނާ މާމައެކެވެ. ދަރިފުޅުގެ ތަގުދީރާއިމެދު ކިތަންމެ ހިތާމައެއް ކުރިޔަސް، މާމައެއްގެ ދައުރު އަދާކުރުމުގައި ފަރީހާގެ ފުރިހަމަކަން، އޭނާގެ މާމަ ދަރިފުޅު ކިސްވާގެ ފުރިހަމަ ތަރުބިއްޔަތުން ސާބިތުވާނެ އެވެ. ދަރިފުޅުގެ ހަޔާތުގެ ސަފްހާތަކުގައި ފަރީހާގެ ކިތަންމެ ސުވާލެއް، މަޑުޖައްސާލާފައި ވުމުގެ މާނައަކީ، އަމާރާގެ ހިތާމަ، އޭނާގެ ހިތުގައި ފަނޑުވީއްޔެކޭ ނޫނެވެ.
އަމާރާގެ ރުއިމާއި ކަރުނަ، ފަރީއަށް ބުނެދޭކަށް ނުޖެހެ އެވެ. ފާއިތުވި ހަތް އަހަރު ދުވަހު ދުނިޔެއަށް އިރުއަރައި އޮއްސުނު ކޮންމެ ރެއަކާއި ދުވާލުން، އެދަރިފުޅު ކަރުނަ ނާޅާ ދުވަހަކަށް އިރެއް ނާރަ އެވެ. މައެއްގެ ލަގޮންޑިއަށް ތަހަންމަލް ނުކުރެވޭ މިންވަރަށްވެސް ފަރީހާ ކެތް ކޮށްފި އެވެ.
ކިސްވާގެ ބައްޕައާއިމެދު ކިތަންމެ ސުވާލެއް ކުރިޔަސް، އަމާރާގެ ހިމޭންކަން ނޫނީ ޖަވާބެއްގެ ގޮތުގައި ނުލިބޭނެކަން ފަރީހާއަށް އެނގެ އެވެ. އަމާރާގެ ސިކުނޑިއަށް އުނދަގޫކޮށް ސުވާލުތަށް ތަކުރާރު ނުކުރަނީ، އެ ދަރިފުޅުގެ މާޒީގައި ހިނގައިދިޔަ ބޮޑު ހާދިސާގެ ތަފްސީލް އެނގެން ބޭނުން ނުވާތީއެއް ނޫނެވެ. ފަރީހާގެ އަމިއްލަ ނަފުސަށް ނުކުރާ އިތުބާރު އޭނާ، އަމާރާއަށް ކުރެ އެވެ.
އަމާރާ ކުރަމުންދާ ފުން ހިތާމައިގައި ފަރީހާއަށް ޔަގީންވަނީ އެންމެ ކަމެކެވެ. އޭނާގެ އަންހެން ދަރިފުޅު އަމާރާ، ތައުބާ ނުވެވޭނެ ކުށެށް ނުކުރާނެ އެވެ. އެތަށް ސަބަބަކަށްޓަކައި އެހެން ހުރިހައި ޝަކުވާއެއްގައި ތަޅުއަޅުވައިގެން ފަރީހާގެ މާމަދަރިފުޅާއެކު ވަގުތު ހޭދަކުރަމުން
ދަނީ، ދަރިންނަށް އުޖާލާ ދިރިއުޅުމެއް ހޯދައިދިނުމުގެ އުއްމީދުގައި އެވެ.
ފަރީހާ އަތުގައި އޮތް ޓީވީ ރިމޯޓް، ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބާއްވާލި އެވެ. މީގެކުރިން، ރާފީ ކިތަންމެ ވަރަކަށް ހިންދީ ފިލްމް ބެލިޔަސް، މިހާރު ގޭގައި ހިނދީ ފިލްމް ބެލުމަކީ އަމާރާވެސް، ރާފީވެސް ނަފްރަތުކުރާ ކަމެކެވެ. އެކަމަކު، 'މޮޅު ސްޕާސްޓާރެއްގެ' އެންމެ ބޮޑު 'ފޭން އަށް' ފަރީހާ ބަދަލުވެ، ކިސްވާއާއެކު ހިންދީ ފިލްމް ބެލުމަކީ، ގޭތެރޭގައި ދެ މީހުން އެކަނި ވެއްޖެނަމަ ދެމީހުންގެ 'ހެޕީ ޓައިމް'އެވެ.
ފަރީހާގެ އިތުރުން ކިސްވާގެ ވެސް އެންމެ މަގުބޫލް ފިލްމް ސްޓާރަކީ ދެވަނައެއް ނެތް، ޝައްޔާން ޔޫސުފް ރައިޒާދް އެވެ. ސްޕާސްޓާރާއި އޭނާގެ ފިލްމްތަކަށް ދެވިފައިވާ މަގުބޫލްކަމުގެ 'ސައްލާ'އަކީ، މާމައާއި މާމަ ދަރިފުޅާއި ދެމެދު އޮންނަ 'ބޮޑު ސިއްރު'އެކެވެ.
ރާފީއަކީ، ދިއްލީގެ މަޝްހޫރު ހޮސްޕިޓަލެއްގެ ސީނިޔާ ޑޮކްޓަރެކެވެ. ކުރިއަށްވުރެން އެތަށް ގުނައަކަށް، ރާފީއަކީ މިއަދު ޒިންމާދާރު ފިރިހެނެކެވެ. އޭނާގެ ދޮންތަގެ ދިފާއުގައި ދުނިޔެ އެފުށްމިފުށަށް ޖަހާން ޖެހުނަސް، ރާފީ ފުރަގަސް ނުދޭނެ އެވެ. ދޮންތަގެ އުފަލަށްވުރެން މުހިއްމު އެއްވެސް ކަމެއް ރާފީއަށް ނޯވެ އެވެ. ޝައްޔާން ޔޫސުފް ރައިޒާދްއަށްޓަކައި ރާފީގެ ހިތުގައިވާ ނަފްރަތާއި ރުޅިއަކީ، މަންމައަށް ސިއްރެކެވެ. ޝައްޔާންއާއި އަމާރާގެ ގުޅުމުގެ 'ހުރިހައި ހަގީގަތެއް' ރާފީއަށް ނޭގުނަސް، ދެވަނަ ފަހަރު ދޮންތަގެ ހިތް ފުނޑުފުނޑުކޮށް ދޮންތަގެ ދިރިއުޅުން ބަރުބާދު ކުރުމުގެ ފުރުސަތެއް ޝައްޔާންއަށް، ރާފީ ދެން ނުދޭނެ އެވެ.
..................
ސްކޫލްގެ އޮޑިޓޯރިއަމްގައި އަޑު ގަދަވެ ހަލަބޮލިވެފައިވެ އެވެ. ކުރިއަށް ދަނީ ޕްރީސްކޫލް ކުދިންގެ ހުނަރު ދައްކާލުމުގެ މައުރަޒެކެވެ. ބެލެނިވެރިންނާއެކު ކުދިން ހޭދަކުރަމުންދިޔަ އުފާވެރި ވަގުތަކީ، ތިލަފަތަކުން ކިރައިގެން ވަޒަންކުރެވޭނެ ހިތްހަމަޖެހުމެއް ނޫނެވެ.
މަޑުމަޑު ފިޔާތޮށި ކުލައިގެ 'ޕްރިންސެސް' ހެދުމުގައި ކިސްވާ، ލޯބި ގޮތަކަށް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ މަންމަ އަމާރާގެ އަތުގައި ހިފާލައިގެން ފަހަރަކު ސްޓޯލަކަށް ވަންނަމުންނެވެ.
ކުޑަކުޑަ ކިސްވާގެ ހުނަރުވެރިކަމާއި ދޫ ފަސޭހަކަމާއި، ތޫނު ވިސްނުމަށް އަމާރާގެ ހިތުގެ އަޑިން ﷲގެ ހަޒްރަތަށް ޝުކުރުވެރިވެ އެވެ. ކޮންމެ ކުއްޖެއްގެ ދެއަތުގައި ހިފަހަށްޓާލައިގެން މަންމައާއި ބައްޕަ، ވަގުތު ހޭދަކުރަމުން ދިޔައީ ކިސްވާގެ ކުރިމަތީގަ އެވެ. ފެންނަމުންދިޔައީ އެކުދިންގެ ފަނޑުވުމެއް ނެތް، އުފާވެރި ހިނިތުންވުމެވެ. އެމީހުންގެ ދަރިންގެ އަގުހުރި ވަގުތުތަށް ފަޅު ފިލުވަމުން އެދަނީ އެ ދެމައިންގެ ކުރިމަތީގަ އެވެ.
ބައްޕައާއި ބެހޭގޮތުން މިއަދާއި ހަމައަށް ކިސްވާ ސުވާލު ނުކުރިޔަސް، ޝަކުވާއެއް ނުކުރިޔަސް، ވިސްނުން ތޫނު އެ ދަރިފުޅު އެ ހުރިހައި ކަމެއް ފާހަގަކުރާނެކަން އެންމެ ރަގަޅަށް އެނގޭނީ އަމާރާ އަށެވެ. މައިންބަފައިންނާއި ދަރިން އެއް މާހައުލެއްގައި އުޅޭ ވަގުތެއްގައި އެފަދަ ތަންތަނުގައި އެހެންމީހުން ފަދައިން އަމާރާ ނޭވާލަނީ، ފުރިހަމައަށް އޮކްސިޖަން އޭނާގެ ނޭވާގެ ހޮޅީގައި ހުރީތީއެއް ނޫނެވެ. ހަމައެކަނި ލޯބިވާ ދަރިފުޅު، ކިސްވާއަށްޓަކައި އެވެ. ކިސްވާއަކީ، އަމާރާގެ ހިތުގެ ވިންދެވެ.
ކުއްލިޔަކަށް އަމާރާއާއި ކިސްވާގެ ކުރިމައްޗަށް ވެއްޓުނީ، ކިސްވާގެ ކްލާސް ކުއްޖެކެވެ. މަންމައަށްވުރެން ކުރިން، ވެއްޓިފައިވާ ދަރިފުޅު ނަގަން އަވަސްވެގަތީ، ބައްޕަ އެވެ. އަވަސް އަވަހަށް ބިންމަތީން ނެގުމަށްފަހު، ލޯބިވާ ބައްޕަގެ މޭގައި އެ ދަރިފުޅު ބޮނޑިކޮށްލީ، އެ ދެމައިންގެ ކުރިމަތީގަ އެވެ.
އަމާރާ ފެންކަޅިވެ، ތެމުނު އެސްފިޔަތަށް ކިސްވާއަކަށް ނުފެންނާނެ އެވެ. ނަމަވެސް އަމާރާގެ އަތުގެ އިނގިލިތަކަށް ބާރުކޮށްލި ގޮތުން، ކިސްވާއަށް އެވަގުތު ކުރެވުނު އިހްސާސް އަމާރާއަށް ޔަގީންވި އެވެ. ލޯތްބާއެކު ދަރިފުޅުގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ތިރިވެ، ބުރަކަށީގައި ފިރުމާލާފައި އަމާރާ ބައްދައިލީ، ކިސްވާއަށް ވުރެން، އެވަގުތުގެ ޖަޒްބާތުތަކުން އަމާރާގެ ހިތުގެ ދިރުން މުހިއްމުވީތީ އެވެ.
"މަންމާ، ކިސްވާގެ ބައްޕަ ކޮބާ..؟" އެއީ ބައްޕައާއި ބެހޭގޮތުން މިހާތަނަށް، ކިސްވާ ކުރި ފުރަތަމަ ސުވާލެވެ.
އަމާރާގެ ފައިދަށުން ބިންގަނޑު ދެމިގަނެ، ދުނިޔޭގެ ހަ ފަރާތުން އޭނާ ފިއްތާލިހެން ހީވި އެވެ. އަތުގެ ތެރޭގައި ކުރިއަށްވުރެން ބާރަށް ކިސްވާ ފިއްތާލެވުނީ ނާރުތަކުގައި ދައުރުވަމުންދިޔަ ލޭގެ ޕްރެޝަރު މައިތިރިކުރެވޭތޯ އެވެ.
އިވުނު ސުވާލު ކަންފަތުގައި ހަރުލާފައި ހުރީކަމެއް، ނުވަތަ ފަޒާގެ ތެރެއަށް ފަނޑުވެގެން ދިޔައީކަމެއް ނޭގުނެވެ. އަމާރާގެ ކަންފަތް ބަށްވެއްޖެ އެވެ.
"ހޫމްމްމް..؟" ދުލުން އެހެން އެއްވެސް އެއްޗެއް ބޭރެއް ނުވި އެވެ.
"މަންމާ، އެއީ އާކާޝް.. ކިސްވާގެ ފްރެންޑެއް.. އާކާޝް ބުނީ ހުރިހާ ކުދިންގެވެސް މަންމައާއި ބައްޕަ ހުންނެޔޯ.. އެކަމަކު ކިސްވާގެ ބައްޕަ ދުވަހަކުވެސް ނާދޭ.. ކިސްވާގެ ބައްޕަ ނުހުރޭތަ މަންމާ..؟" ކުޑަކުޑަ ސިކުނޑިއަށް ވާނެ އުނދަގޫ އަމާރާއަށް ވިސްނެ އެވެ.
މިފަދަ ވަގުތެއްގައި، ބައްޕައާއިމެދު ކިސްވާ ސުވާލުކޮށްފާނެ ކަމަށް އަމާރާ ހުރީ ތައްޔާރުވެގެން ނޫނެވެ. ދޭނެ ޖަވާބެއް، ބުނާނެ އެއްޗެއް ދުލަކު ނެތެވެ. ހިންދިރުވާލާފައި ލޯ މަރައިލެވުނީ، ހޮޅީގައި ނޭވާ ތާށިވެ، ކަރު ހިކިފައި ވުމުން ބޮލަށް އެނބުރުން އަރާހެން ހީވީތީ އެވެ. ކިސްވާގެ ކޮންމެ ސުވާލަކަށް ޖަވާބު ދިނުމަކީ އަމާރާގެ އުފަލެކެވެ. އެކަމަކު ސިކުނޑިއާއި ހިތަށް ކުޅަދާނަ ނުވާވަރުގެ ބޮޑު ސުވާލަކަށް، މިފަދަ މާހައުލެއްގައި ޖަވާބު ދޭނެ ގޮތެއް އަމާރާއަކަށް ނުވިސްނުނެވެ.
ކޮންމެވެސް އެއްޗެއް ބުނަން ޖެހޭތީ، ހިތްވަރުކޮށްފައި ލޯ މަރައިލި އެވެ. ޖަވާބެއް ދިނުމަށް އަމާރާ ހަރަކާތްކޮށްލި ވަގުތެވެ.
"ހެއި، ކިސްވާ..!" އުފަލުން ހިނިތުންވަމުން ކިސްވާއަށް ގޮވައިލި އަޑަށް ދެމައިން ބަލައިލީ އެއް ފަހަރާ އެވެ.
ދެއަތް ހުޅުވާލައިގެން ދާދި ގާތުގައި އެ ހުރީ ރާފީ އެވެ. އަމާރާގެ އަތު ތެރެއިން ނިކުމެގެން ރާފީގެ އަތު ތެރެއަށް ކިސްވާ ފުންމާލުމާއި ދެމެދު ދިހަވަރަކަށް ސިކުންތުވެސް ފާއިތު ނުވި އެވެ.
މޭގައި އަތް އަޅާފައި އަމާރާ ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ. ބާރުގަދަ ތޫފާނެއްގެ ތެރެއިން މިވަގުތަށްޓަކައި ސަލާމަތްވީތީ ޝުކުރުކުރި އެވެ.
"މިތަނުން ނިކުމެގެން ގޮސް، ސްޓްރޯބެރީ އައިސްކްރީމެއް ބޯލަން ބޭނުންތަ؟" ދެއަތުގެ ތެރޭގައި ކިސްވާ ބޮނޑި ކޮށްލާފައި، ދެ ކޮލުގައި ބޮސްދެމުން ރާފީ ސުވާލުކުރީ ލޯތްބާއެކު އެވެ.
"ޔެސް... ރެއިންބޯ ސްޕްރިންކްލްސް އަޅައިގެން" ނުހަނު އުފަލުން ހީނލަމުން ކިސްވާ ބުނެލި އެވެ.
ޝުކުރުވެރި ބެލުމަކުން، ރާފީގެ ލޮލަށް އަމާރާ ބަލައިލި އެވެ.
ރައްކާތެރިކަމުގެ ހިމާޔަތެއްގެ ގޮތުގައި ދޮންތަގެ ކޮންޑުގައި ހިފަހަށްޓާލައިގެން، އަނެއް އަތުން ކިސްވާ އުރާލައިގެން ރާފީ މިސްރާބުޖެހީ ސްކޫލު ތެރެއިން ނިކުތުމަށެވެ.
"އެ އިވުނީ ފުރަތަމަ ސުވާލު، އެ ހިސާބުން ނުނިމޭނެ.. ކޮންމެވެސް ދުވަހަކުން އެ ސުވާލުގެ ޖަވާބު ދޮންތަ ޖެހޭނީ ކިސްވާއަށް ދޭން.. ތައްޔާރުވޭ" ނުހަނު މަޑުމަޑުން އަމާރާގެ ކަންފަތްދޮށުގައި ރާފީ ބުނެލި އެވެ.
"ދުވަހަކުވެސް އެ ސުވާލުގެ ޖަވާބަށް ތައްޔާރު ވެވޭނެހެން ހިޔެއް ނުވޭ..!" އަސަރުން ފުރިގެންވީ ބަލައިލުމަކުން ރާފީއަށް ބަލައިލާފައި އަމާރާ ބުންޏެވެ. (ނުނިމޭ)