ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުރިހާ ބޭންކުތަކަށް ލާޒިމުކުރާ ގޮތަށް، އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއި އެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި ހައުސިން ޔުނިޓްތައް ތަރައްގީ ކުރަނީ ހުޅުމާލެ’ ފޭސް 1 އަދި 2، އަދި ވިލިމާލެގައި ކަމަށް ބީއެމްއެލުން ބުނެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު ޑރ އަބްުދު ﷲ މުއްތަލިބް އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރީ ބޭންކުގެ ސަބްސިޑެރީ ކމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓްތަކަކީ އަތްފޯރާފަށުގައި ދެވޭ ހައުސިން ޔުނިޓްތަކަށް ހެދުމަށް އެ ބެންކަށް ބިން ދޫކުރަނީ ހިލޭ ކަމަށެވެ. އެގޮތުން ވިލިމާލެއިން ބިން ހިލޭ ބޭންކަށް ދޭނެކަމަށާއި އެހެންނަމަވެސް ހުޅުމާލެއިން ބިން ދެވޭނީ އެޗްޑީސީން ބިން ގަނެގެންކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް 'އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމް'ގެ ނަމުގައި ސްކީމެއް ހިންގަން މިދިޔަ މަހު ކެބިނެޓުން ނިންމިއެވެ.
އެއާއި އެކު އެ ސްކީމްގެ ދަށުން ފަންޑެއް ގާއިމްކޮށް، އެ ފަންޑު ހިންގާނެ ގޮތުގެ ގަވާއިދު، މަރުކަޒީ ބޭންކު އެމްއެމްއޭއިން އާއްމުކުރިއެވެ. އެ ގަވައިދު ބުނާގޮތުން ރާއްޖޭގައި ހިންގާ ކޮންމެ ބޭންކަކުން ވެސް އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމްލަ ފައިސާގެ ތެރެއިން 10 އިންސައްތަ އާއި 15 އިންސައްތަ އާ ދެމެދުގެ އަދަދެއް ފަންޑަށް ދޫކުރަން ޖެހޭނެއެވެ.