މިއަދު ފަތިހު 5:30 ގައި ފެށި މި އޮޕަރޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ ތަންތަން ބަލައި ފާސްކުރަމުންނެވެ. މި އޮޕަރޭޝަނުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ވިއުގަތައް ރޫޅާލައި، އެކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމެވެ.
މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ އުތުރުގެ ހަނިމާދޫންނާއި، ދެކުނުގެ އައްޑޫ ސިޓީ ހިތަދޫން ވެސް މީހުން ހައްޔަރުކޮށްފައިވެއެވެ. މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމުން، ކުރިއަށް އޮތްތަނުގައި އިތުރު މީހުން ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.