ސަރުކާރު ހިންގުމުގައި މަތި ބަރުކުރުން ކުޑަކުރަން އެއް މަސައްކަތްތަކެއް ކުރާ މިނިވަން މުއައްސަސާތައް އެއްކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Advertisement
ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ވާހަކަ ދައްކަވަކުން ނާޒިމް ވިދާޅުވީ ސަރުކާރު ތެރޭ ހުރި ބައެއް މުއައްސަސާތައް ޑުޕްލިކޭޓުވެފައި ހުރިކަމަށެވެ. އެގޮތުން އެތަންތަނަށްވެސް ބޮޑު ހަރަދެއް ސަރުކާރުން ކުރާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
" މިސާލަކަށް ދަންނަވާ ނަމަ އަޅުގަނޑުމެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެބަ ހަރަދު ކުރަން އަހަރަކު 14.7 މިލިއަން ރުފިޔާ. ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހަށް 8.8 މިލިއަން ރުފިޔާ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 7.5 މިލިއަން ރުފިޔާ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް 29 މިލިއަން ރުފިޔާ އަޅުގަނޑުމެން އެބަ ހަރަދުކުރަން އަހަރަކު،" ނާޒިމް ވިދާޅުވިއެވެ.
ގާނޫނުގައި މިނިވަން މުއައްސަސާތައް ކަމަށް ބުނާ ކޮންމެ ތަނެއްގެ އެންމެ އިސް ވެރިޔަކަށް ކާރާއި ޑްރައިވަރު ވެސް ދޭން ޖެހޭކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އެހެންނަމަވެސް އެ މުއައްސަސާތަކުން ކުރާ މަސައްކަތުގެ ނަތީޖާ ހާސިލްވާ މިންވަރާ މެދު ވެސް ސުވަލު އުފެދޭކަށެވެ.
" މިސާލަކަށް ދަންނަވަންޏާ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން. އެ ތަނުން ރިޕޯޓުތައް ތައްޔާރު ކުރޭ. އެހެން ނަމަވެސް ތަންތަނުގެ މަގާމުތަކުގައި އިންޓަގްރިޓީ ހިފެހެއްޓުމަށްޓަކާ ކުރާ ކަމެއް ފެންނާކަށް ނެތް. އަޅުގަނޑުމެން ޕޮލްކޯގެ މައްސަލަ ބަލަން ދިޔައިރު ފެނުނު ހުށަހެޅިފައި އޮންނަތާ ހަތް އަހަރު ވީ މައްސަލަތައް އެބަހުރި،" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން މިހެން ހުންނަ ތަންތަން އެއްކޮށްލަން ފެންނަކަމަށް ނާޒިމް ވިދާޅުވިއެވެ.
" މިކަހަލަ ތަންތަން އަޅުގަނޑަށް ފެންނަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެހެން ތަންތަނުގެ ދަށަށް ލާން. ލާފައި، ޖުމްލަ ހަރަދު ކުޑަކުރެވޭނެ ގޮތެއް ބަލަން." ބަޖެޓް ކޮމެޓިގައި ނާޒިމް ވިދާޅުވިއެވެ.
އެ ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީ އާއި ޕާޓީތަކުން މަޝްވަރާކޮށް، މިނިވަން މުވައްސަސާތައް ގިނަވުމުގެ ސަބަބުން އޮންނަ މަތި ބަރުވުން ނިމުމަކަށް ގެންނަން ނާޒިމް ވިދާޅުވިއެވެ.