އުރީދޫން ބުނީ ފަންކިޓުތަކުގެ ތެރޭގައި ފޮރުވާފައިވާ އެ ޓިކެޓުތައް ލިބޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން އެ ކިޓުތަކުގައި 1 ގޯލްޑަން ސްވާލް ޓިކެޓާއި 5 ޕާޕަލް ޓިކެޓު އަދި 244 ސިލްވާ ޓިކެޓު ވަނީ ހިމަނާފަ އެވެ.
އެ ޓިކެޓުތަކުގެ ތެރެއިން ގޯލްޑެން ސްވާލް ޓިކެޓް ލިބޭ ފަރާތަކަށް ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް ބުއިންތައް އެއް އަހަރު ދުވަހަށް ހިލޭ ލިބޭނެ އެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު 19އިން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ބުއިން ލިބޭނެ އެވެ.
އެ ކިޓުތަކުގައި ހިމެނޭ ޕާޕަލް ޓިކެޓު ލިބޭ ފަރާތްތަކަށް ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ އެވެ. އަދި ސިލްވާ ޓިކެޓު ލިބޭ ފަރާތްތަކަށް އެތަނުގެ ބުއިންތަކުން ކޮންމެ ފަސް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
އަންނަ މަހު 19ގައި ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުުވާލާފަ އެވެ. އެގޮތުން، މި ދުވުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ.
ފަން ރަންގައި ދެ ވައްތަރެއްގެ ފަންކިޓް ހިމެނެ އެވެ. އެއީ:
210ރ.އަށް - ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި
110ރ.އަށް: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި
އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 6،500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި ދުވުމުގެ އެކި އެޑިޝަންތައް މާލޭގެ އިތުރު ބޮޑެތި ރަށްރަށުގައި ވެސް ދަނީ ބާއްވަމުންނެވެ.