ރައީސްގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި މި މަސައްކަތަކީ، ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ.
ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާހުކޮށްދެއްވީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީނެވެ.
އެންއެންއޭ އިފްތިތާހުކުރުމަށް ފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފަ އެވެ.
• ޖީލު އޮންލައިން
• ސަން ސިޔާމް މީޑިއާ
• ތީރު މީޑިއާ
• އަސުރު އޮންލައިން
• ދިވެހި ޗެނަލް
• ހުވަދޫ މީޑިއާ
• ޖަވިޔަނި
• މިއަދު ޑެއިލީ
• ތިލަދުން އޮންލައިން
• ސައުވީސް އޮންލައިން
• ދަ ސްޓޭންޑަރޑް މޯލްޑިވްސް
• ސަންގު ޓީވީ
• އަސްލު ޓީވީ
• ވޮއިސް އެމްވީ
• ވަގުތު
• އެމްއެމްޓީވީ
• ވީޓީވީ
• މެންދުރު ޓީވީ
• އޯރކާ މީޑިއާ
މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްއާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުސަތުތަކެއް ލިބޭ ޕްލެޓްފޯމެއްކަމަށެވެ.
މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެކަމަށް ޝަމްއާން ވިދާޅުވި އެވެ. ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަގުބަލުގައި މި ޕްލެޓްފޯމްގައި ހިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވި އެވެ.