މިނިސްޓަރު މިހެން ވިދާޅުވީ ހެލްތް މިނިސްޓްރީން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށި "ހެލްތު އެކްސްޕޯ 2025" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެލްތު ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށާއި، މިކަން ހާސިލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން، ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދީ ޕްރިވެންޓިވް ހެލްތު ކެއާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް މަދުކުރުމަށް އާންމުން ހޭލުންތެރިކޮށް، ސިއްހީ ގޮތުން ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަކީވެސް ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގައި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ސިއްހީ ހިދުމަތުގެ ވަސީލަތްތައް ތަރައްގީކޮށް ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.