އެ ޔޫނިއަނުން ބުނީ، ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދާއިމީ ހައްލެއް ހޯދައި ނުދިނުމުގެ ސަބަބުން މަސްވެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.
އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މަސް ކުންފުނި މިފްކޯ މެދުވެރިކޮށް ބޮޑު ކަންނެލި ގަނެ، ކިލޯއެއް 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގެ އަގެއްގައި ގަތުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރިޔާސީ ވައުދުތަކެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ވައުދެއް ފުއްދާފައި ނުވާތީ މަސްވެރިންނަށް އަލިމަގެއް ފެނިފައި ނުވާކަމަށް ޔޫނިއަނުން ބުންޏެވެ.
މަސްވެރިން ބާނާ މަސް ނުކިރިގެން 120 ޓަނަށްވުރެ ގިނަ މަސް މިހާރު ވެސް ހަލާކުވެފައިވާ އިރު، މިކަމުގެ ސަބަބުން ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތު އެކީގައި ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޔޫނިއަނުން ބުންޏެވެ. އެހެންކަމުން، އަންނަ ޑިސެމްބަރު މަހުގެ 10 ވާ ދުވަހު، މަސްވެރިންގެ ދުވަހު، ޔޫނިއަންގެ އަހަރީ ބައްދަލުވުމާއެކު ސަރުކާރަށް ގޮވާލައި އިހުތިޖާޖު ކުރުމަށް ވަނީ ނިންމާފައެވެ.