ސިވިލް ސާވަންޓުންގެ ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް އެއްހަމަ ކުރުމަށް ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ނޮވެމްބަރު މަހުން ފެށިގެން މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް އޮތީ އިއުލާން ކުރައްވާފަ އެވެ.
އެކަމަކު، ސަރުކާރުގެ މުސާރަތައް އެއްފަހަރާ ބޮޑުކޮށްފިނަމަ އިންފްލޭޝަން އިތުރުވެ، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަނަރ މުނައްވަރު ވިދާޅުވީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
އެމްއެމްއޭއާއި އެކު އޮތް ބައްދަލުވުމުގައި މުސާރަ އެއްހަމަކުރުމާއި ގުޅޭގޮތުން މެމްބަރުން ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރަތައް ބޮޑުކުރެވިގެންދާއިރު، ބަޖެޓުގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ އިތުރު ބުރައެއް ކުރިމަތިވާނެ ކަމަށެވެ. މިފަދަ ބޮޑު ހަރަދެއް އެއްފަހަރާ ބަޖެޓަށް އިތުރުވުމަކީ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުނައްވަރުގެ ލަފައަކަށް ހުށަހެޅުއްވީ، މުސާރަ އިތުރުކުރުން ބަހާލައިގެން ކުރިއަށް ގެންދިއުމެވެ. އެއީ އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުމުގެ ފުރުސަތު ބޮޑުވުމުންކަމަށް މުނައްވަރު ވިދާޅުވި އެވެ.