ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ކުރަން، އަލުން އިސްލާހު ކުރަން ހުށަހެޅީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.
ޝުޖާއުގެ ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުން ވަކިވާނެ އިތުރު ހާލަތްތައް ގާނޫނުއަސާސީއަށް އިތުރުކުރުމަށެވެ.
އެގޮތުން ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން މަޖިލީހުގެ މެންބަރަކު ވަކިވާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، އެ މެންބަރަކު ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބުމުން ކަމަށް، ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
ނަމަވެސް މެންބަރަކު ވަކިކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ދެން ހަދާނެ ގޮތް ވެސް އެ އިސްލާހުގައިވެއެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މެންބަރަކު ވަކިކުރަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުދީފިނަމަ ދެން އެ މެންބަރަކު މަޖިލީހުގެ އުމުރު ކަމަށްވާ ފަސް އަހަރުގެ ބާކީ އުމުރުގައި ހުންނާނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި، އޭގެ ފަހުން ސިޔާސީ ޕާޓީއަކަށް އެ މެންބަރަކު ސޮއިކުރައްވައިފިނަމަ މެންބަރުކަމުން ވަކިވާނެއެވެ.
ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.އެ ކަމާ ޗެލެންޖުކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗާއި އުއްތަމަ ފަނޑިޔާރުވެސްވަނީ ބަދަލުކޮށްފައެވެ. އެ މައްސަލަ ކޯޓުގައި އޮތީ ހުއްޓިފައެވެ.