މި ބިލް މަޖިލިހަށް ހުށައަޅާފައިވަނީ ވެރިކަން ކުރާ ޕިއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހްއެވެ.
އޭނާ ހުށައެޅުއްވި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިގާބުކުރުމަށެވެ. އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންކަމަށް ފަލާހު ހުށައެޅުއްވި އިސްލާހުގައިވެއެވެ.
މި ބަދަލާއި އެކު ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި އެއް ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހެއެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި އަންހެނުންނަށް ދެ ގޮނޑި ހާއްސަކުރަންޖެހެއެވެ.
މި ބަދަލު ގެނައި ނަމަވެސް މާލެ ސިޓީ ކައުންސިލް އެކުލެވިގެންވާނީ ކައުންސިލްގެ މޭޔަރުގެ އިތުރުން ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެމްބަރުން ހިމެނޭ ގޮތުން ގާނޫނުއަސާސީއާއި ގާނުނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެެމްބަރުންގެ އަދަދާއި އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށްކަމަށް މި އިސްލާހުގައިވެއެވެ.
މީގެއިތުރުން ފުވައްމުލަކުގެ ކޮންމެ އަވަށަކީ އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއިއެކު ފުވައްމުލަކު ސިޓީ ކައުންސިލް އިންތިހާބުކުރާނީ ކައުންސިލްގެ މޭޔަރުގެ އިތުރުން އިންތިހާބުކުރަން ލާޒިމުވާ އަންހެން މެމްބަރުން ހިމެނޭ ގޮތަށް ކޮންމެ އަވަށަކަށް ގޮނޑިއެއްގެ ނިސްބަތުން މެމްބަރެއްކަމަށްވެސް ފަލާހު ހުށައެޅުއްވި އިސްލާހުގައިވެއެވެ.
އިސްލާހުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށެވެ. މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން، ފުލް ޓައިމް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސް އެކަނި ކަމަށްވެސް ފަލާހުގެ އިސްލާހުގައި ވެއެވެ.