މި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކާ އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަބަލުން ސާޖިދާ މުހައްމަދު އެވެ.
ދިވެހި ތަރިކައަށް ހާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކުރެވިގެން ހުޅުވާލެވޭ "ސިގްނޭޗާ ރިސާޗް ސްކޮލާޝިޕް" ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
މި ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްޕޮންސާކުރާ ރިސާޗް މަސައްކަތްކުރުމުގެ ފުރުސަތުތަކެއް ކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނެ އެވެ.
އެ މަރުކަޒުން ބުނާ ގޮތުގައި 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި އެތަނުން ސްޕޮންސާ ކުރާ މި ސްކޮލަޝިޕްތަކުގެ މަގްސަދަކީ، ދިވެހި ތަރިކައިގެ އިލްމު އުފެއްދުމާއި ގާބިލް ތަރިކަވެރިންތަކެއް އުފެއްދުން ކަމުގަ އެވެ.
އެ މަރުކަޒުން ބުނި ގޮތުގައި މި ސްކޮލަޝިޕް ފުރިހަމަ ކުރުމުން، އިސްލާމިކް ޔުނިވަސިޓީގެ ރިސާޗު އެންޑް ޕަބްލިކޭޝަންގެ މާސްޓާސް ޑިގްރީގެ ސެޓްފިކެޓް ލިބޭނެ ކަމަށާއި ކުރަން ޖެހޭ ރިސާޗުގެ މުއްދަތަކީ ދެ އަހަރުކަމުގައި އެވެ
އެ މަސައްކަތުގައި ކޮންމެ މަހަކު އެ ދެ ދުވަހު އެ މަރުކަޒަށް ހާޒިރުވެ ދާއިރާއާ ގުޅުން ހުރި މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެ މަރުކަޒުން ބުނެ އެވެ.
އެ މަރުކަޒުން ބުނެފައިވަނީ މި ސްކޮލާޝިޕްގައި ބައިވެރިވާ ފަރާތަކުން މި ސްކޮލާޝިޕްގެ ދަށުން ބައިވެރިވާ ކޯސް ފުރިހަމަކޮށް ނިންމަން ޖެހޭނެ ކަމަށާއި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން އެ ކެނޑިޑޭޓަކަށް ކަނޑައަޅާފައިވާ މައުލޫއާ ގުޅޭ ދާއިރާއިން ކޯހުގެ މުއްދަތުގައި، ކޮންމެ މަހަކު 1 ދިރާސާ ކަރުދާސް ތައްޔާރުކޮށް ޝާއިއުކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މި ސްކޮލާޝިޕްގެ ކޮންމެ ކެނޑިޑޭޓަކު، އެ ކެނޑިޑޭޓަކު ދިރާސާކުރާ ދާއިރާއިން މައިގަނޑު 1 ފޮތް (ކީޓެކްސްޓް) ދިވެހިބަހަށް ތަރުޖަމާކޮށް ދިވެހިރާއްޖެއާ ގުޅޭގޮތުގެ ކޮމެންޓްރީއެއް ތައްޔާރުކުރަން ޖެހޭނެ ކަމަށާއި ކޯސް ފުރިހަމަކުރުމަށްފަހު 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ހިދުމަތްކުރަން ޖެހޭނެ ކަމުގަ އެވެ.