ޖަމާއަތެއްގެ ތެރޭގައި ދިރިއުޅޭ ތަފާތު މީހުންގެ ތެރެއިން އިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ އާދައިގެ އިންސާނަކާ މުޅިން ތަފާތު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. މިކަން ދީނުގައި ވެސް އެ މަގަށް މިސާލު ދައްކަވާފައިވާ ކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފަ ވެ އެވެ. އެހެން ކަމުން އާދައިގެ އިންސާނަކަށް ވުރެ އިލްމުވެރިންގެ ޒިންމާ އާއި މަސްއޫލިއްޔަތު ބޮޑުވާނެ އެވެ.
ތަފާތު ފެންވަރުގެ މީހުންގެ މައްޗަށް މުޖުތަމައު ތަރުތީބުވެފައި އޮންނަ ސަބަބެއް ވާނެކަން ޔަގީނެވެ. އެހެން ކަމުން އެ ތަފާތު ލެއްވިފައިވާ ސަބަބުން ލިބެން ޖެހޭނެ މަންފާއެއް ވެސް އޮންނާނެތާ އެވެ. ނަމަވެސް ސުވާލަކީ އެ ތަފާތު ލެއްވި ސަބަބުން ލިބެމުންދާ މަންފާ މި ގައުމަށް ލިބެމުންދޭތޯ އެވެ.
ގައުމެއްގެ ކަންކަން ހާލަތު ބަދަލުވަނީ އެ ގައުމެއްގެ މީހުންގެ މަސައްކަތުންނެވެ. ގޯސް މަގުންދާ ނަމަ ރަނގަޅު ކުރަން ވެސް ތިބޭނީ އެ މުޖުތަމައެއްގައި ހިމެނޭ މީހުންނެވެ. ރާއްޖޭއަށް ބަލާ ނަމަ ރާއްޖެ ހިނގަމުން މިދާގޮތުން ގައުމާއި ޖުމްލަ ރައްޔިތުންނަށް ލިބޭ މަންފާއަށް ވުރެ މަދު ބަޔަކަށް ލިބޭ މަންފާ ބޮޑުކަމުގެ ޝަކުވާގެ އަޑުން ދިވެހި ޖައްވު ގުގުމަމުންދާތާ އެތައް ދުވަހެއަހަރެއްވެދާނެ އެވެ. ނަމަވެސް އަދި ވެސް އިވެނީ އެއް ޝަކުވާއެއްގެ އަޑެވެ. މުޅި ގައުމަށާއި ގިނަ ރައްޔިތުންނަށް ލިބޭ މަންފާ ކުޑަކަމުގެ ވާހަކަ އެވެ.
މި އަޑު އިވިއިވި ދިވެހިން މިހާރު ތިބީ އެއްގޯސްވެފައި ކަމަށް ވެދާނެ އެވެ. ނަމަވެސް މި ގައުމުގައި ތިބި ހުރިހާ ފަންނެއްގެ އިލްމުވެރިންނާއި ދަންދޮރުދަންނަ މީހުންނާއި ތަޖުރިބާކާރުންނަކީ އެއް ގޯސްވެގެން "ގޯސް" ގޯސް ކަމަށް ވާހަކަ ނުދެއްކޭ ވަރުގެ ބޭފުޅުން ނަމަ، ގައުމަކަށް ވާނެ ގޮތަކީ ކޮބާތޯ މިއީ ވެސް ކުރަން ޖެހޭ ސުވާލެކެވެ. ނަމަވެސް މި ސުވާލުކޮށްލާނެ މީހަކު ވެސް އަދި މި ސުވާލަށް ޖަވާބު ދޭނެ އެ ފަދަ ބޭފުޅަކު ވެސް ނެތް ކަހަލަ އެވެ. އެފަދަ ހާލަތަކަށް އެ ބޭފުޅުން ވެސް ވެއްޓިފައިވާ ނަމަ މި ގައުމުގެ ބޭނުމަކީ ކޮބާތޯ އެވެ.
ދެން އޮތް އަނެއް ސުވާލަކީ ރާއްޖެއަށާއި ގިނަ ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ ރާއްޖެ ހިންގާނެ ގޮތް މީގެ 17 ވަރަކަށް އަހަރު ކުރިން 7 އޯގަސްޓް 2008 ގައި ކަނޑައެޅި އެވެ. ނަމަވެސް ސުވާލަކީ ހަގީގަތުގައި ވެސް 7 އޯގަސްޓް 2008 ގައި ކަނޑައަޅައި ހިންގަން ފެށި އާ އޮނިގަނޑުން ގައުމަށާއި ގިނަ ރައްޔިތުންނަށް ލިބެނީ މަންފާތޯ އެވެ. އަދި އެ އޮނިގަނޑުން ގައުމުގެ ވަސީލަތްތަކަށް ލިބެނީ ރައްކާތެރިކަންތޯ އެވެ. މިއީ ހުސް ސުވާލުތަކެވެ. މި ސުވާލުތަކަށް ބޭނުންވަނީ ސިޔާސީ މަންފާއަށްޓަކައި އުޅޭ މީހުންގެ ޖަވާބެއް ނޫނެވެ. އެގޮތުން މި ސުވާލުތަކަށް ރައީސްކަން ކުރާ މީހުންނާއި އަދި ކޮށްފައިވާ މީހުންގެ ޖަވާބަކީ ވެސް އަސްލު ތެދުކަމުގައި ނުވުމުގެ ފުރުސަތު އެބަ އޮތެވެ.
އެހެންކަމުން އެ ސުވާލުތަކަށް ޖަވާބެއް ދޭން ޖެހޭނީ ސިޔާސީ މަންފާގެ ނުވަތަ ރައީސް ކަމާއި މިނިސްޓަރު ކަމަށާއި ނައިބު މިނިސްޓަރުންގެ އިތުރުން ސިޔާސީ ގޮތުން ކަމެއްކޮށްގެން އާމްދަނީއެއް ހޯދުމުގެ ނިޔަތް ނެތް ހުރިހާ ފަންނެއްގެ އިލުމުވެރިންނާއި ތަޖުރިބާކާރުންނާއި ތަންދޮރުދަންނަ މީހުންގެ ޖަވާބެވެ. ނަމަވެސް ހިތާމައަކީ އެ ފަދަ މީހުން ވެސް ތިބޭނީ ހަގީގަތުގައި މާލީ އަޅުވެތިކަމެއްގެ ސަބަބުން އެ މީހުންގެ އިލުމާއި ތަޖުރިބާ އާއި ތަންދޮރުދަންނަ މިންވަރެއްގެ މައްޗަށް ބިނާކޮށް އެއްޗެއް ހަގީގަތް ހާމަ ކުރަން ނުކެރޭނެ ހާލަތެއްގަ އެވެ. އެހެންކަމުން މި ގައުމަށް ދެން ލިބޭނެ މޮޅަކާއި ގިނަ ރައްޔިތުންނަށް ލިބޭނެ މަންފާއެއްގެ ވާހަކަ ދައްކާ އެކަންކަން ހަގީގަތަކަށް ހަދާނެ ގޮތެއް އޮންނާނެ ބާއްވަ އެވެ.
އެ ބައެއްގެ ޖާހިލުކަމުގެ ސަބަބުން މުޅި ގައުމު ކަރުނައަޅަންޖެހޭ ފަދަ ހިތާމަ ގެނުވާނޭ ސަބަބަކީ ހެޔޮނުބައި ނުވަތަ ރަނގަޅު ނުރަނގަޅު ވަކިނުވުމެވެ. ނޫންނަމަ، ތަންދޮރު ދެނެތިބެ، ހެޔޮ ގޮތް ދޫކޮށްލުމެވެ. ބައެއް ސިޔާސީ ރޭވުންތެރިންގެ ނޭއްގާނީކަމުން ގައުތައް ހިތާމަކުރާކަމުގެ ވާހަކައަކީ އާ ޝިއާރެއް ނޫނެވެ. ކޮންމެ ޖީލެއްވެސް ތަކުރާރުކުރާ ޝިއާރެކެވެ. މިއަދު މިހާލަތުގައި އޮތް "ރާއްޖެ" އިން ވެސް ކުރާ ސުވާލަކީ މިރަށުގައި ތިބި ތަންދޮރު ދަންނަ މީހުން ކޮބާ ހެއްޔެވެ.