ހައުސިން މިނިސްޓްރީން ބުނީ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފުތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތައް އަމާޒުކޮށްފައިވަނީ މުޖުތަމައުގައި އުޅޭ އެކި ފަންތީގެ އާއިލާތަކަށް ކަމަށެވެ.
އޭގެ ތެރޭގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް، ކުއްޔަށް އެއް ތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ މީހުންގެ އިތުރުން މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ބޭންކުތަކުން އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ގާބިލުކަން ނެތް އާއިލާތައް ވެސް ހިމެނެ އެވެ.
މިރޭ ތައާރަފްކުރާ ސްކީމްތަކުގެ ތެރެއިން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަމާޒުކޮށްފައިވަނީ ބޭންކުތަކުން މޯގޭޖު ފައިނޭންސިން ހޯދުމުގެ ތަނަވަސްކަން ހުރި، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ ރަސްމާލެއިން، މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރަން ހުޅުވައިލައި، 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.