ފެއަރީ ލައިޓްސްގެ ރީތި ނަލަ ދިއްލުންތަކާއި، ހިތްގައިމު މޮޅު ފަރުމާކުރުންތަކާއި، ފާރުތަކުގެ އެކިދިމާގައި ހަރުކޮށްފައިވާ އަގުބޮޑު ކުރެހުންތަކުން، ރެސްޓޯރެންޓުގެ ހައިބަތު ބުނެދެ އެވެ. އިވެމުންދިޔަ މަޑުމަޑު މިއުޒިކުގެ ސަބަބުން މާޔޫސީ ހިތްތަކަށް ދިރުންލިބި، ހިނިތުންވުމަށް ފުރުސަތު ލިބެ އެވެ.
ލޯބިކޮށް ދުވެލާފައި ގޮސް، ކިސްވާ އިށީނީ އޭނާގެ އެންމެ މަގުބޫލް މޭޒުގެ، އެންމެ ހިތްގައިމު ގޮނޑީގަ އެވެ. އިށީންދެ ހަމަޖެހިލުމާއެކު ދެފައި ތަޅުވާލާފައި ހިނިތުންވެލީ، ޕާކެއްގައި ބަހަށްޓާފައި ހުރި އުނދޯއްޏެއްގައި އިށީނދެ، ކުޑަ ދަރިޔަކު އުފާކުރަމުންދިޔަ ފަދައިންނެވެ. ދާދީ ގާތުގައި ގުޅަވެގެން، އޭނާގެ ސްނޯބޯލް އޮތެވެ.
ރާފީގެ ފޯނު ރިންގުވާން ފެށުމުން އަވަސް ހަރަކާތަކާއެކު ޖީބުން ފޯނު ނަގާފައި ބަލައިލި އެވެ. ކޯލް އަންނަނީ ހޮސްޕިޓަލުންނެވެ. އާއިލާގެ ކިތަންމެ މުހިއްމު ވަގުތުކޮޅަކަށްވިޔަސް، ހޮސްޕިޓަލުގެ ކޯލަކަށް އަޅައިނުލައި ދޫކޮށްލުމަކީ މިހާތަނަށްވެސް ރާފީ ކޮށްފައިވާ ކަމެއް ނޫނެވެ.
"ޕްރިންސެސް، ބޮޑުބެގެ ހޮސްޕިޓަލުން އެބަގުޅާ.. މި ކޯލްއަށް ޖަވާބު ދިނުން، ބޮޑުބެއަށް ވަރަށް މުހިއްމު.. ބަސް އަހައިގެން ސްނޯ ބޯލް ގޮވައިގެން ޕްރިންސެސް މިތަނުގައި މަޑުކޮށްލާ އިނގޭ.. ވަރަށް އަވަހަށް އެބައަންނަން.. އޯކޭ؟" ލޯތްބާއެކު ރާފީ އެދުނީ ކިސްވާގެ އިޒުނައަށެވެ.
"ކިސްވާ މިއީ މިހާރު ބޮޑު ކުއްޖެއް.. މިއީ ވަރަށް ވަރަށް ބަސްއަހާ ކުއްޖެއް.. ސިކްސް އިޔަރޒް ކުދިން ވަރަށް މޮޅުވާނެ..!" ސްނޯ ބޯލް ގެނެސް ކިސްވާގެ އުނގުތެރެއަށް ލައި ބޮނޑިކޮށްލަމުން ބުނެލި އެވެ.
ކިސްވާގެ އުނގުގެތެރޭގައި އެގޮތަށް ސްނޯ ބޯލް ބޮނޑިކޮށްލުމުގެ މާނަ، ރާފީއަށް ވަރަށް ރަގަޅަށް އެނގެ އެވެ.
ދެމީހުން ޓީމް ހަދާލީ އެވެ. އެ ޓީމް ބަލިކުރެވޭނެ ވާދަވެރިޔަކު ނުހުންނާނެ އެވެ.
ކުރިމަތިލާން ޖެހިއްޖެނަމަ، ބިޔަ ބޮޑު ލަޝްކަރެއް ފަތަހަކުރާންވެސް ފަހަކަށް ނުޖެހޭނެ އެވެ.
ސްނޯ ބޯލްއާއި ކިސްވާ، ހަތަރު ކަޅި ހަމަކޮށްލާފައި ރާފީއަށް ބަލައިލި އެވެ. ތޫލި އަޑަކުން ސްނޯ ބޯލް 'މިއައުއއ' ގޮވައިލުމުން ރާފީގެ ޅިނދުގައި އަތް ވިއްދާލި އެވެ. އަދި 'ދެ އެކުވެރިންގެ ރޭވުންތެރި މޫނަށް' ރާފީ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.
ހަމަ އެވަގުތެވެ. ސްނޯ ބޯލްގެ، ކަފަކޮޅެއްހެން ފުފިފައި އޮތް ނަގޫ ދެފަރާތަކަށް ތަޅުވަން ފަށައިފި އެވެ.
"ބޮޑުބެ މިތަނުން، ދުރަށް ޖެހެލިޔަސް، ކުޑަވެސް ގޯހެއް ނުހަދާތި.. އެއްވެސް މީހަކަށް ލަނޑެއް ނުދޭތި..!"
ކިސްވާގެ ނިއްކުރީގައި ބޮސްދެމުން، ސްނޯ ބޯލްގެ ފުށްގަނޑެއްފަދަ ކެހެރި ގަނޑުފައި އަތް ހާކާލި އެވެ. ރާފީ އަވަސް އަވަހަށް އެކަހެރި ދިމާއެއް ހޯދާލީ ހޮސްޕިޓަލަށް، ފޯނު ކުރުމަށެވެ. އެއިގެ ކުރިން، ސްޓާފުންގެ ތެރެއިން އަންހެން ވެއިޓަރަކަށް ގޮވާލާފައި ރާފީ އެދުނީ، 'ކުޑަކުޑަ އިރުކޮޅަކަށް ކިސްވާ އާއި އޭނާގެ އެކުވެރިޔާއަށް' ނަޒަރެއް ހިންގާލަ ދިނުމަށެވެ.
ހިނިތުންވަމުން، ވެއިޓަރު އެކަމަށް އެއްބަސްވުމާއެކު ރާފީގެ ފިޔަވަޅުތަށް އަވަސްކޮށްލި އެވެ.
"ދެން އޮތީ އޮޕަރޭޝަން ޗޮކްލެޓް އައިސްކްރީމް.." ސްނޯ ބޯލް ކިސްވާގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލަމުން ބުނެލި އެވެ.
ޖަވާބުގައި ހިމަހިމަ އަޑަކުން ސްނޯ ބޯލްގެ 'މިއައުއއއ' ލައްވާލި އަޑާއެކު ކިސްވާގެ މަސައްކަތް ފަށައިފި އެވެ.
މޭޒުތަކާއި ނިވާވަމުން، ތަންކޮޅުކޮޅުގައި ބޮނދަމުން ކިސްވާ މިސްރާބު ޖަހާފައި ހުރީ، އައިސްކްރީމް ކައުޓަރަށެވެ.
އެވަގުތު ރެސްޓޯރެންޓުގެ ދޮރުން އެވަނީ އިސްކޮޅުން ދިގު ޒުވާނެކެވެ. ކަޅު ހޫޑީއަކާއި ކަޅު ޖީންސްގައި އޭނާގެ ފިރިހެންވަންތަކަން ސާބިތުކޮށްދިނުމަށް، މޫނުގެ ހިތްގައިމުކަމާއި އާމަންޑެއް ފަދަ އަސަރުގަދަ ލޮލުގެ ޖާދޫ، ބަޔަކަށް ދައްކާކަށް ނުޖެހެ އެވެ.
މޫނު ފަރުދާ ކޮށްފައިވަނީ އޭނާ އަޅާފައިވާ، މާސްކާއި ލޯ ކަޅު އަވި އައިނާއި ބޮލުގައި އަޅާފައިވާ ތޮފި، މޫނު މައްޗަށް ތިރިކޮށްލާފައި އޮތް ގޮތުންނެވެ. ހަވީރުގެ ވަގުތު ފަސްދީ، އިރުއޮއްސުމާއި ގާތަށް ދުނިޔެ ދަތުރުކުރަމުންދިޔަ ވަގުތެއްގައި އެފަދަ މަންޒިލަކަށް، 'އެ ގޮތަށް' އެވަނީ އެހެން މީހުންނަށް އޭނާގެ ސޫރަ ހާމަކުރާން ބޭނުން ނުވާތީކަން ޔަގީނެވެ.
....................
އާންމު ތަންތަނަށް ނިކުންނަ ސޫރައިގައި މިއަދުވެސް މުޅިން ތަފާތު މަންޒިލެއް އިހްތިޔާރުކުރީ ކުޑަވެސް އުނދަގުލެއް ނެތި، ހަމަހިމޭންކަމާއެކު އިނދެ، ރޭގަނޑުގެ ކެއުން ނިންމާލުމުގެ އަޒުމުގަ އެވެ. ނަމަވެސް ތަގުދީރަކީ، ދައުވަތެއް ދިނުމަކާއި ނުލައި ބައްދަލުކުރާ މެހެމާނެއްކަން، ޝައްޔާން ހަނދާން ނައްތައިލުމަށް އޭނާގެ މުސްތަގުބަލުގެ ސަފްހާތަކުގައި ލިޔެވިފައި ނެތްކަން، ނޭގުނީ އެވެ.
"އަލްހަމްދު ލިއްލާހި... ސުޕާސްޓާރ!" ދާދި ގާތުން ވައިއަޑުން ބުނެލި އަޑަށް ޝައްޔާންގެ ދެފައިގައި ހިލިހިލާ އެޅުނެވެ.
ފިޔަވަޅެއް ނުނެގުނެވެ. ކުރިއަށް ނުވަތަ ފަހަތަށްވެސް ޖެހިލާނެ ބާރެއް ނުލިބުނެވެ.
ހުއްޓި ހުރެ ޝައްޔާން ވަށައިގެން ބަލައިލި އެވެ. އޭނާގެ ކަކުލާއި ހަމައަށްވެސް ބޯ ނުފޯރާ ވަރުގެ ކުޑަކުޑަ އަންހެން ކުއްޖަކު، ޝައްޔާންގެ ލޮލުގައި އަޅައިގަތެވެ. ކޮލު ދަތްތަށްވެސް ފެންނަ ވަރަށް ހެވިފައި ހުރެ، މާނޭވާލަމުން ދިޔައީ އޭނާއަށް ލިބިފައިވާ އާދަޔާ ހިލާފު ހިތްހަމަޖެހުމާއި 'ސަޕްރައިޒް'ގެ ސަބަބުންކަން އިތުރު މީހަކު ޝައްޔާން ގާތުގައި ބުނާކަށް ނުޖެހުނެވެ.
ހުދު ކަފަގުޅައެއް ފަދަ ބުޅަލަށް ޝައްޔާން ބަލައިލި އެވެ. ލޮލުގައި އޮތް އަވި އައިނު ނަގަން އޭނާއަށް މަޖުބޫރުވީ، ކުރިމަތީގައި ހުރި ކުޑަކުޑަ އަންހެން ކުއްޖާއެކޭ އެއްފަދައިން، އެ ބުޅާވެސް ހުއްޓުމެއް ނެތި ތަޅުވަމުންދިޔަ ފަލަ ނިގުލާއި ލޮލުން ފެންނަމުންދިޔަ ވިދުމާއި ބެބުޅުން ފާހަގަކުރެވުމުންނެވެ. ކުޑަކުދިން ބުޅާ ގެންގުޅޭތ ޝައްޔާންވެސް ދެކެ އެވެ. ނަމަވެސް މިވަރުގެ 'ޓީމެއް' މީގެކުރީން ދުވަހެއްގައިވެސް ފެނިފައެއް ނުވެ އެވެ.
ދެލޮލުގެ އެސްފިޔަތަށް ތަޅުވާލާފައި، ހުވަފެނީ ގޮތަކަށް ކިސްވާ ހީލި އެވެ. ޝައްޔާންގެ މޫނުން އޭނާގެ ނަޒަރު އެންމެ ސިކުންތަކަށްވެސް ދުރަށް ނުލަ އެވެ.
"ތިއީ ޝައްޔާން ޔޫސުފް ރައިޒާދް..! އަޅާފައިވާ، މާސްކާއި ކަޅު އައިނާއި ބޮލުގައި ތޮފި އަޅައިގެން ހުއްޓަސް ހަމަ ޔަގީން، ތިއީ ސްޕާ ސްޓަރ.." ޖެހިލުމެއް ނެތި ކިސްވާ ބުނެލީ ޝައްޔާންގެ ލޮލަށް ބަލަން ހުރެ އެވެ.
ދެފައިގައި އެޅުނު ހިލިހިލާގެ ގަދަފަދަ ބާރު ޝައްޔާންގެ އެންމެ ހިމަ ނާރަށްވެސް ފޯރައިފި އެވެ. އެސްފިޔައެއްވެސް ތަޅުވާލަން އޭނާގެ ގުނަވަނެއް ހަރަކާތެއް ނުކުރި އެވެ.
ސްނޯ ބޯލް، ކިސްވާއާއި ގާތަށް ޖެހިލުމުން 'އެކުވެރިޔާއަށް' ކިސްވާގެ ސަމާލުކަން ހިއްސާކޮށްލި އެވެ. އުފާވެރިކަމުގެ ކުލަތަކުން އުޖާލާވަމުންދިޔަ ލޯބިލޯބި މޫނާއި އެ ކުޑަކުޑަ އަންހެން ކުއްޖާގެ އާދަޔާ ހިލާފު، ރީތި ކަޅިރަވައަށް ޝައްޔާން ބަލައިލި އެވެ.
ދެކެފަރިތަ ގޮތެއް ހުރުމުން، އޭނާގެ ޝައުގުވެރިކަން ކިސްވާއަށް ދީލާލީ އެވެ. ކުޑަކުޑަ ކިސްވާގެ ސޫރައަށް ޝައްޔާން ވަރަށް ރަގަޅަށް ބަލައިލި އެވެ.
ހިތް މަޖުބޫރޫކުރީ، ނުތަނަވަސްކަން އެއްފަރާތްކޮށްފައި ހިނިތުންވުން އިސްކުރާށެވެ.
"ތިހައި ޔަގީންކަމާއެކު ބުނަން ތި އެނގުނީ ކީއްވެ؟ ތިއީ ޕޮލިސް ސަރވިސްގެ އެންމެ ބޭބީ ޑިޓެކްޓިވް ތަ..؟" ޝައްޔާންގެ ހޫޑީގެ ދެފަރާތުގެ ޖީބުގައި އޭނާގެ ދެއަތް ފޮރުވާލަމުން ބުންޏެވެ.
ހަމަ އެ ސިކުންތުގައި ކިސްވާގެ ޅިނދުގައި ދެފަރާތުން ހިފަހަށްޓާލި އެވެ.
"މާމާއާއި އެއްކޮށް، ތި ސްޕާސްޓަރގެ ހުރިހާ ފިލްމެއް ބަލައިފިން.. މާމަ ބުނީ، ﷲތައާލާ އުފެއްދެވި އެންމެ ރީތި ދެ ލޯ ލިބިފައިވާ އިންސާނަކީ ތިއީ އޯ..!" ޝައްޔާންގެ މޫނުން ފެށިގެން ފަޔާއި ހަމައަށް ކިސްވާ ބަލައިލި އެވެ. (ނުނިމޭ)