ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގޭންގުތައް ހުއްޓުވުމުގެ ގާނޫނު ވުޖޫދުވުމާއެކު އެފަދަ ހަރަކާތްތައް ހިންގާ ގުރޫޕުތައް މަދުވެއްޖެ ކަމަށާއި އެއީ މި ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ އެއްބާރުލުމާއެކީ މި މައްސަލަތައް ހައްލުކުރަން ކަމަށާއި ރައްޔިތުންގެ އެއްބާރުލުން މި މަސައްކަތަށް ލިބެއްޖެނަމަ މި ހުރިހާ މައްސަލައަކަށް މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެއީ ނިންމަވަން ކިތަންމެ އުނދަގޫ ނިންމެވުމެއް ނަމަވެސް، އަޅުއްވަން ކިތަންމެ އުދަގޫ ފިޔަވަޅެއް ނަމަވެސް، ގައުމީ ފައިދާވާ ކޮންމެ ނިންމުމެއް ނިންމައި ފިޔަވަޅުތައް އަޅައި، މައްސަލަތައް މުލުންލުހެލުމަށް ކަމަށެވެ.
ސަރުކާރުން ހިންގާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ވެސް އެތައް ސަތޭކަ ޒުވާނުން ބައިވެރިކޮށްގެން ސަރުކާރުން ނެރެން ބޭނުންވާ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި، ކުށުގެ މާހައުލުތަކުގައި ނޫޅޭ، އުފެއްދުންތެރި ބޭނުން ހިފޭ ޖީލެއް ބިނާކުރުމެވެ.
މި ވަގުތު ގޭންގެއްގައި ޒުވާނަކު އުޅޭ ނަމަ އެކަން ވަގުތުން ހުއްޓާލުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުގަ އެވެ.
މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައި ވެއެވެ. އޭގެ ތެރޭގައި، ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރާއި، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ހިމެނެ އެވެ.
މީގެ އިތުރުން، ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން ވެސް ގާނޫނުގައި ހިމަނައިފައި ވެއެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފަށާފައިވާއިރު އޭގެ ދަށުން މިހާތަނަށް އެއްވެސް ގޭންގެއް ކަނޑައަޅާފައެއް ނުވެ އެވެ.
ގާނޫނުގައިވާ ގޮތުން ވަކި ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހޯމް މިނިސްޓަރަށް ކޯޓަށް ދެވޭނެ އެވެ. ގޭންގެއް ކަމަށް ކަނޑައަޅާނީ ކޮން ބާވަތެއްގެ ބައެއް ކަން ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.