ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ނިދާފައި އޮއްވައި މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާ އުފުލީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަށް ކަމަށެވެ. އެއީ؛
- އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު
- އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމް
- އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް
އާޝިދުގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ވިސާމާއި ފާރިސް އަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އަބްދުއްރަހްމާންގެ މަރާ ގުޅިގެން ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހަދާފައިވެ އެވެ. އަދި ހަށިގަނޑު ވަޅުލީ ޖުލައި 24 ގަ އެވެ.
މިތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެ ރަށު މީހުން ބުނާ ގޮތުންނަމަ އަބްދުއްރަހްމާނަކީ ސިހުރުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. އެކަމަކު، އާއިލާއިން އެ ތުހުމަތު ދޮގުކުރެއެވެ.