ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުން ވަކިވާނެ އިތުރު ހާލަތްތައް ގާނޫނުއަސާސީއަށް އިތުރުކުރުމަށެވެ.
އެގޮތުން ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން މަޖިލީހުގެ މެންބަރަކު ވަކިވާނީ އެ މެންބަރަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގައި، އެ މެންބަރަކު ވަކިކުރުމަށް ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބުމުން ކަމަށް، ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
ނަމަވެސް މެންބަރަކު ވަކިކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ދެން ހަދާނެ ގޮތް ވެސް އެ އިސްލާހުގައިވެއެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މެންބަރަކު ވަކިކުރަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުދީފިނަމަ ދެން އެ މެންބަރަކު މަޖިލީހުގެ އުމުރު ކަމަށްވާ ފަސް އަހަރުގެ ބާކީ އުމުރުގައި ހުންނާނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި، އޭގެ ފަހުން ސިޔާސީ ޕާޓީއަކަށް އެ މެންބަރަކު ސޮއިކުރައްވައިފިނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް، ގާނޫނުއަސާސީއަށް ޝުޖާއު އިތުރުކުރައްވަން ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެ އެވެ.
މި ގާނޫނީ ނިންމުން ގާނޫނު އަސާސީއާއި ހިލާފު ކަމަށްބުނެ ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އުވާލުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިނަމަވެސް، އެ މައްސަލަ ކުރިއަށް ނުދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
ގާނޫނުގެ މި ބައި ބާތިލްކުރަން ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޕާޓީ ބަދަލުކޮށްފި މެމްބަރަކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ބުނުން ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އިސްލާހުގައި ބުނީ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.
އިސްލާހު ހުށަހެޅުމަށްވުމަށް ފަހު، ޝުޖާއު މިއަދު ވިދާޅުވީ މި އިސްލާހަކީ ރައްޔިތުން ބާރުވެރިކޮށް ރައްޔިތުން ގޮތް ނިންމުމުގެ ފުރުސަތު ދޭން ގެންނަ ބަދަލެއް ކަމަށެވެ. މެންބަރުން ޕާޓީން ވަކިކުރާ ހާލަތުގައި ވެސް އެންމެ ފަހުގެ ބަސް ބުނާނީ ރައްޔިތުން ކަމަށް ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށެެވެ.
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވެސް ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ މިހާރު އޮތް ގޮތަށް، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ބޭއްވުމަށް ކަމަށާއި އިރުއިރުކޮޅާ ގޮނޑި ވިއްކާލެވޭ ގޮތަށް ފުރުސަތު ދެވޭ އުސޫލެއް އޮވެގެން ނުވާނެ ކަމަށެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ވިދާޅުވި ގޮތުގައި، އިސްލާހާ އެކު އިންތިހާބުތައް ބާއްވަން ކުރަން ޖެހޭ ހަރަދުތައް އިތުރުވެގެންދާނެ ކަމަށާއި ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި 200-300 މިލިއަންއެއްހާ ރުފިޔާ އިންތިހާބުތައް ބާއްވަން ހަރަދުކުރަން ޖެހޭނެ ކަމަށެވެ.
ހިތަދޫ މެދު ދާއިރާ މެންބަރު އަހުމަދު އަޒާން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ބައެއް ކަމަށް ހަދަން ޖެހޭނެ ކަމަށާއި އިސްލާހާ އެކު މެންބަރުން ވަކި ކުރަން ރައްޔިތުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކަށް ޑިމޮކްރަސީގައި ނަމޫނާ ދައްކަން ވެސް ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މެންބަރުންނާ ގުޅޭ އާންމު ވޯޓުގެ އިސްލާހާ އެކު، އަތޮޅު ކައުންސިލްތައް އުވާލަން ވެސް ޝުޖާއު ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހަށް ބަހުސް ކުރެއްވި ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް ވަނީ ތާއިދު ކުރައްވައިފަ އެވެ. އެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި އަތޮޅު ކައުންސިލްތަކުން ބޭކާރު އެތައް ހަރަދެއް ކުރާއިރު އެ ނިޒާމުގެ ނަތީޖާ ރަނގަޅެއް ނޫނެވެ. އަތޮޅު ކައުންސިލްތައް އުވާލައި، ރަށު ކައުންސިލްތައް ބާރުވެރިކުރުމަކީ އަމާޒު ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.