މި ސަރުކާރަށް ދެ އަހަރުވުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާުވީ ޒަމާނީ ވަރަށް ފެންވަރު ރަނގަޅު ޓެކްސީތަކާއި އެކު މާލޭ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް އަންނަ ފެބްރުއަރީ މަހު ފަށާނެކަމަށެވެ.
މި ޓެކްސީތަަކަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދަށް 407 ޑްރައިވަރަކު ބޭނުންވާކަމަށް އެ ކުންފުނިން ބުނެއެވެ. މީގެތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އެހެންނަމަވެސް މުސާރަތަކެއް އެކުންފުނިން އަދި ހާމައެއް ނުކުރެއެވެ.
ޑްރައިވަރުން ނަގާ ގޮތް
ކޮންޓްރްކެޓަށް ނަގާ ޑްރައިވަރުން މަސައްކަތް ކުރަންޖޭނީ ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު (ޑިއުޓީ ޝެޑިއުލްއާ އެއްގޮތަށް)ކަމަށް އެމްޓީސީސީން ބުނެއެވެ. ޕާޓްޓައިމް ޑްރައިވަރުން މަސައްކަތް ކުރަންޖެހޭނީ ހަފްތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރުކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އަންނަ ޑިސެމްބަރ 17 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެކަމަށެވެ. އަދި ޖޮބް އިންޓާވިއުތައް ޑިސެމްބަރ 18 ން އަންނަ ޖަނަވަރީ 15 އާއި ހަމައަށް ކުރިޔަށްދާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.