ads
މޭޔަރު އާޒިމް އޮޑިޓް އޮފީހަށް ވަޑައިގަތުން: ފޮޓޯ އެކްސް އާޒިމް
މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ 10 އަހަރު، ކަންކަން ހުރީ ދޯދިޔާކޮށް: އާޒިމް
މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ ގާތްގަނޑަކަށް 10 އަހަރު ވެފައިވާ ކަމަށާއި، ކައުންސިލްގެ ހިންގުން ހުރީ ވަރަށް ބޮޑަށް ދޯދިޔާކޮށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

އާޒިމް މިހެން ވިދާޅުވީ ކައުންސިލްގެ އޮޑިޓްގެ ކަންކަން ލަސްވާތީއާއި، ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭ މައްސަލައިގައި ހައްލެއް ހޯއްދެވުމަށް މިއަދު އޮޑިޓް އޮފީހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މޭޔަރު އާޒިމް ވިދާޅުވީ އޭނާ ކައުންސިލާ ހަވާލުވެވަޑައިގެންނެވިއިރު އެތަނުގެ ހިންގުން އޮތް ގޮތް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން މަގާމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް އެދިވަޑައިގަތީ ކައުންސިލްގެ ފުރިހަމަ އޮޑިޓެއް ހަދައިދިނުމަށް ކަމަށާއި، އެކަމަށް ބޭނުންވާ މައުލޫމާތާއި އޭގެ އިތުރަށް ވެސް ލިޔެކިޔުންތައް އޮޑިޓް އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެމުންދާއިރު ވެސް، މިހާތަނަށް އެކަމަށް އަލިމަގެއް ފެނިފައިނުވާތީ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާއިރު، އެއަށްވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އިދާރާ ކަމަށްވާ މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ނުކޮށް އޮތުމަކީ ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި ސިފަކުރައްވައި، އާޒިމް ވަނީ ކައުންސިލްގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި ވީހާވެސް އަވަހަކަށް އޮޑިޓްގެ މަސައްކަތް ނިންމައިދިނުމަށް އޮޑިޓާ ޖެނެރަލްއަށް ގޮވާލައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް