މިއީ އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ނިސްބަތްވާ ޕާޓީން އިސްނަގައިގެން ހުށަހެޅި ބިލެކެވެ.
މި ބިލުގައިވާ ގޮތުން، މިފަދަ މައްސަލަތަކުގައި ކުށް ސާބިތުވާ ގައިދީންނަށް ހުކުމް ކުރާތާ 90 ދުވަހުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހެއެވެ. އަދި މިއީ އެއްވެސް ގޮތަކަށް އިސްތިއުނާފު ނުކުރެވޭނެ، އަދި މައާފު ވެސް ނުދެވޭނެ ހުކުމެއް ކަމަށް ކަނޑައަޅާފައިވެއެވެ. ހުޅަނގު އައްސޭރީގައި ހިންގާ އިސްރާއީލުގެ މިލިޓަރީ ކޯޓުތަކުން މި ހުކުމް އިއްވުމަށް އިއްތިފާގުން ފާސްވާން ނުޖެހޭނެ ކަމަށާއި، ކޯޓުގެ އަގުލަބިއްޔަތުން މިކަން ނިންމޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި ފަލަސްތީނު ސަރުކާރުން ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަމައެކަނި ފަލަސްތީނު މީހުންނާ ދެކޮޅަށް އަމާޒުކޮށްގެން ހިންގާ ޖަރީމާއެކެވެ.
ގައްޒާގެ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ ކުށެއް ނެތް އެތައް ހާސް ފަލަސްތީނު މީހުން ހައްޔަރުކޮށް، ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެމުންނެވެ.