އަންގާރަ ދުވަހު ސިވިލް ކޯޓުން ނިންމި މި މައްސަލައަކީ، މިހާރު ޖަލުގައި ހުރި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ދޫކޮށްފައި އޮތް، ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ލައްކައަކާ ގާތް ކުރާ އަދަދެއްގެ ޕޭމަންޓެއް ނުދައްކައިގެން ބޭންކުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެއީ ދެ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، ބައްސާމް ބޭންކަށް ދައްކަން ޖެހޭ، 89،997 ރުފިޔާ ހޯދާށެވެ. ބޭންކުން، ކޯޓަށް ދިޔުމުން ބައްސާމްވަނީ މިހާރު ފައިސާ ދައްކައިފައެވެ.
ބައްސާމް ފައިސާ ދެއްކުމުން، ބޭންކުން އެދިގެން ސިވިލް ކޯޓުން މައްސަލަ ބާތިލު ކުރީ، އަންގާރަ ދުވަހުއެވެ.
ބޭންކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސް ކުރުމުން ބައްސާމްގެ މައްސަލަ ބާތިލުކޮށްފައި އޮތްއިރު، މީހެއް އަތުން ނެގި ފައިސާތަކެއް އަނބުރާ ރައްދުނުކޮށްގެންވެސް ބައްސާމްގެ މައްޗަށް މި އަހަރު ތެރޭ ހުކުމެއް އައެވެ.