މި ސެގްމަންޓުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގާ ހަމައަށް އޮންނަ ސަރަހައްދެވެ.
މި މަސައްކަތުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނި ގޮތުގައި، މިހާރު ކުރިއަށް ދަނީ އޭބީސީ ނުވަތަ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތެވެ. މި ސަރަހައްދުގެ ފެން ހިންދާ ނިޒާމާއި ސާވިސް ލައިންތައް އަދި އެއްގަމު ތޮށީގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ. މަގު ފުޅާކުރުމުގެ ގޮތުން ތޮށިގަނޑު ވަނީ ހަ މީޓަރަށް ބޭރަށް ޖައްސާފައެވެ. އަދި ފެންސް ފަށުގެ 87 ޕަސަންޓު މަސައްކަތް ވެސް ވަނީ ނިމިފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ފެށި މި މަޝްރޫއު ނިމުމުން މާލޭގެ ދަތުރުފަތުރަށް ލުއިތަކެއް ލިބިގެންދާނެއެވެ. ހާއްސަކޮށް އަލަށް ގާއިމުކުރާ ސްޓޯމްވޯޓާ ޑްރެއިނޭޖް ނިޒާމުގެ ސަބަބުން ވާރޭވެހޭ ދުވަސްތަކުގައި ފެންބޮޑުވުން ހައްލުވެ، މަގު ބޭނުންކުރާ މީހުންނަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.