ނަމަވެސް ސުވާލަކީ ފަސް އަހަރުގެ ކުރު މުއްދަތަކަށް ރާއްޖޭގެ ހިންގުމާ ހަވާލުވާ އެންމެ އިސް މީހާ އާއި ދައުލަތް ހިންގާ މީހުން ޖަވާބުދާރީކޮށް، ރާއްޖެ ހިންގާނެ ގޮތުގެ މަގު ދައްކަން ތިބޭ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮންނަ ބަޔަކު ބޭނުންވާ ހިނދަކު މުޅި ރާއްޖެ ހިންގުމުގެ އޮނިގަނޑު އެފުށްމިފުށަށް ޖަހާލުމަކީ ގައުމަށް އޮތް އެންމެ މަންފާ ބޮޑު ގޮތްތޯ އެވެ.
ރާއްޖެ ހިންގުމަށްޓަކައި މިހާތަނަށް ކަނޑައަޅައިވާ ތިން ފަށަލައިގެ ހިންގުމުގެ އޮނިގަނޑުގައި ހުރިކޮރުކަމާއި އުނިކަމާ މެދު ވިސްނާ ފިކުރު ކުރަން ޖެހެ އެވެ. އެކަންކަމާ މެދު ވިސްނާ ފިކުރު ކުރާއިރު ފުރަތަމަ އުފެދޭ ސުވާލަކީ މިހާތަނަށް ތަރުތީބުކޮށްފައިވާ ތިން ފަށަލައިގެ ހިންގުމުގެ އޮނިގަނޑުން އުއްމީދު ކުރި ވަރުގެ މަންފާ ނުލިބުނީ ކީއްވެތޯ އެވެ. ވަކިން ހާއްސަކޮށް މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީން ތަސައްވަރު ކުރިގޮތަށް ރާއްޖެ ހިންގުމުގެ އޮނިގަނޑުން ނަފާ ނުލިބި، ފަހަތަށް ސޮއްސާލާފައިވާކަމަށް ބުނާ މީހުން ބުނާ ސަބަބަކީ ކޮބާތޯ އެވެ.
މިހާރު އަމަލު ކުރާ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ތިން ފަށަލައިގެ ހިންގުމުގެ އޮނިގަނޑުން މަންފާއެއް ނުލިބުނު ކަމަށް ބުނާ އިރު އެ އޮނިގަނޑު ގާއިމް ކުރި ހަގީގީ މަގުސަދު ހާސިލް ކުރުމަށް ފުރަތަމަ ފަށަލަ ކަމަށް ކަނޑައަޅާފައިވާ މުޅި ގައުމު ހިންގުމުގެ ފަށަލަ ނުވަތަ މައި އެޑްމިނިސްޓްރޭޝަނުން ދެ ވަނަ ފަށަލައަށް ނުވަތަ ރަށު ހިންގުމަށް ޖާގަ ދިނީ ކިހާވަރަކަށްތޯ މިއީ ކުރަން ޖެހޭ ވަރަށް ބޮޑު ސުވާލެކެވެ. ފުރަތަމަ ފަށަލަ އާ ހަވާލުވާ މީހާ، (ރައީސް) އަށް ހީވެފައި އޮންނަނީ ގައުމަކީ އޭނާގެ އަމިއްލަ "ތަރިކަ"އެއް ހެންނެވެ.
އަދި ވަކިން ހާއްސަކޮށް، އޭނާ ތާއިދު ކުރާ ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ލިބިއްޖެ ނަމަ، އެންމެ އިސް ހިންގުންތެރިޔާ، ރައީސަށް ޔަގީންވާ ކަހަލަ އަކީ ގައުމުގެ އެންމެހާ ވަސީލަތްތަކަކީ އޭނާ ބޭނުންވާހާ ގޮތަކަށް އޭނާ ބޭނުން ކަމެއް ކުރަން ހުރި ތަކެތި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ގާނޫނު އަސާސީ ތަސައްވަރު ކުރި ދެ ފަށަލަ ކަމަށްވާ އަތޮޅު ހިންގުމާއި ރަށު ހިންގުން "ވާކޮށްލަ" އެވެ. ނަތީޖާއަކަށް ވަނީ އަތޮޅު ހިންގުމާއި ރަށު ހިންގުމުގެ ފަށަލައިން ކަމެއް ނުކުރެވޭވަރަށް އަތޮޅު ހިންގުމާއި ރަށު ހިންގުން ބާކީކޮށްލާފައި ބޭއްވުމެވެ.
ގާނޫނު އަސާސީ އިސްލާހު ކުރި ހާއްސަ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ރާއްޖެ ހިންގުމަށް ތިން ފަށަލައި ކަނޑައަޅާފައި ވަނީ ހާހަކަށް ވުރެ ޒަމާންވީ ހިންގުމުގެ އޮނިގަނޑަށް ބަލާފައި، އެއީ ކޮންމެހެން އޮންނަށް ޖެހޭ ތިން ފަށަލަ ކަމަށް ވާތީ އެވެ.
ގާނޫނު އަސާސީން ދައްކާ އެއް ހަގީގަތަކީ ހިންގުމުގެ ތިން ފަށަލަ ވެސް ހިންގަން ތިބެން ޖެހޭނީ ރައްޔިތުން އިންތިހާބު ކުރާ މީހުން ނުވަތަ ބަޔަކު ކަމެވެ. އަދި ގާނޫނު އަސާސީއަށް ނަޒަރު ކުރާއިރު ކޮންމެ ފަށަލައަކަށް ނިސްބަތްވާ ވަސީލަތްތަކެއް ހުންނާނެ ކަމަށާއި އެ ވަސީލަތްތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އެ އަށް ގޮތް ނިންމުގައި އެ ފަށަލައެއްގައި ހިމެނޭ މީހުންގެ ބަހެއް އޮންނަށް ޖެހޭނެކަމަށް ފެނެ އެވެ. އަދި އެ ވަސީލަތްތައް ވީހާ ވެސް ގިނަ ދުވަހަށް ބޭނުން ކުރަން ލިބޭނެ ގޮތަކަށް ތަރައްގީކޮށް ބެލެހެއްޓުމަކީ ފަށަލަތައް ހިންގުމާ ހަވާލުވާ ބައެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ފެނެ އެވެ. އެއީ ގައުމީ ފެންވަރުގެ ވަސީލަތްތަކާއި އަތޮޅު ފެންވަރުގެ ވަސީލަތްތަކާއި ރަށު ފެންވަރުގެ ވަސީލަތްތަކެވެ.
ރާއްޖެ ހިންގާނީ ލާމަރުކަޒީ އުސޫލުން ކަމަށް ކަނޑައެޅުމަށް ފަހު ގާނޫނު އަސާސީގައި ވަނީ އިދާރީ ދާއިރާތައް ކަނޑައަޅާފަ އެވެ. ހުރިހާ ވެސް ބޭނުމަކީ ޒަމާނުންސުރެ މަރުކަޒުކޮށްގެން އުޅުނު ވަސީލަތްތަކާއި ހިންގުމާއި ގޮތް ނިންމުމުގެ ފުރުސަތު އެންމެ ކުޑަވެގެން އަތޮޅުތަކަށް ދިނުމެވެ. ނަމަވެސް މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ކަންކަން ހިނގީ މުޅިން ތަފާތު ކޮށެވެ. ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށް، އަދި ރާއްޖެ 20 ސަރަހައްދަށް އިދާރީގޮތުން ބަހާލުމުގެ ބޭނުމެއް އޮންނާނެ އެވެ. ރާއްޖެ އިދާރީގޮތުން ބަހާލާފައިވީ ނަމަވެސް ގާނޫނު އަސާސީން ތަސައްވަރު ކުރާ އެހެން ކަމެއް އެބަ ފެނެ އެވެ.
ލާމަރުކަޒީކޮށް ރާއްޖެހިންގަން ކަނޑައެޅި އިރު ގާނޫނު އަސާސީން ސާފުކޮށް ނުފެނުނު ނަމަވެސް ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކޮށް ހިންގަން ޖެހޭނެ ގޮތެއްގެ ވާހަކަ ގާނޫނު އަސާސީން ނުދައްކާނެތޯ ސުވާލު އުފެދެ އެވެ. ސަބަބަކީ ލާމަރުކަޒީކޮށް ހިނގި ނަމަވެސް ރާއްޖޭގެ ތަރައްގީ ކުރެވެންޖެހޭނީ ވަށާޖެހޭ ދުރުމުސްތަގުބަލަކަށް ޕްލޭންކޮށްފައިވާ ގައުމީ ދުރު ރާސްތާގެ ޕްލޭނަކަށެވެ. ނަމަވެސް އެވަރު ވެސް ވެރިކަން ކުރި މީހުންނަށް ފެނުނުހެނެއް ނުވެ އެވެ. ގައުމީ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރަން ޖެހޭ ކަމަކަން އެ ވެރިންނަށް އެއްބަސްވެވިފައިވާ ތަނެއް ވެސް ނުފެނެ އެވެ. އެއީ ވެސް ނަހަމަގޮތުގައި ދައުލަތުގެ ވަސީލަތް ބޭނުން ކުރަން ހުޅުވާފައި އޮތް ދޮރެކެވެ.
ގާނޫނު އަސާސީ ހެދި އިރު ދެއްކި ނުވަތަ ފެންމަތި ކުރި އެންމެ ބޮޑު އެއް މައްސަލައަކީ މާލެ އަށް ބާރުތައް ޖަމާކޮށް މާލެ އަށް ސަލާން ޖަހަން މަޖުބޫރުކޮށްފައި އޮތް އޮތުމެވެ. އަދި ހުރިހާ ވެސް ބޭނުމަކަށްވެފައި އޮތީ އެ ހާލަތު ބަދަލު ކުރުމެވެ. އެކަމުގެ ފަރުވާއަކަށް ބައެއް މީހުންގެ ހިތާ ދެކޮޅަށް ނުވަތަ ދުނިޔެވި ލަދަށް ނަމަވެސް އެންމެ ފަހުން، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ގާނޫނު އަސާސީގައި ކަނޑައެޅި އެވެ. ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ކަމަށް އެ ބުނާ ބުނުމުގެ މާނައަކީ އޭރު ރާއްޖެ ހިންގި ހިންގުމުގައި ބުނާ ގޮތް ބަދަލުކޮށް ރައީސަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން އަތޮޅު ފެންވަރުގެ ކަންކަން ހިންގުމުގެ ބާރާއި އަތޮޅުގެ ކަންކަމާ މެދު ގޮތް ނިންމުމުގެ ބާރުތައް އަތޮޅު ފެންވަރަށް ބަދަލު ކުރުމެވެ.
އާ ގާނޫނު އަސާސީގެ ދަށުން ގައުމު ހިންގަން ފެށި ނަމަވެސް ގާނޫނު އަސާސީގައި ލިޔެފައިވާ މަފްހޫމަށް ރާއްޖެ ހިންގަން ހަވާލުވާ މީހާ ނުވަތަ މީހުން ޖާގައެއް ނުދިނެ އެވެ. ހުރިހާ ބާރަކާއި ވަސީލަތްތައް ގެނެސް ޖަމާ ކުރީ ގައުމީ ފެންވަރުގެ ހިންގުމުގެ ފަށަލައަށެވެ. މާލެއަށެވެ. ނަތީޖާ އަކަށްވީ ރައީސް ކަމާއި ހަވާލުވާ މީހާ ހަމަ ބުއްދިފިލައިގެންދާ ވަރުގެ ވަސީލަތްތަކާއި ގައުމެއް ފެނި އެއަށް ހިތްޖެހި އެ ދޫކުރަން ދެކޮޅު ހަދަން ފެށުމެވެ. އެ ވަސީލަތްތަކަށް އެންމެ ބޮޑު ރައްކާތެރިކަމެއް ލިބޭނީ ރައީސްގެ ކޮންޓްރޯލުގެ ދަށުގައި ބަހައްޓައިގެން ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ފެށި އެވެ.
ރައީސްގެ ކޮންޓްރޯލުގައި ބެހެއްޓުމުން ލިބޭ ރައްކާތެރިކަން ބޮޑު ކަމަށް ބުނެ ރައްޔިތުން ގުބޯ ހައްދަން ފެށި ނަމަވެސް 17 އަހަރުން ދެއްކި ހަގީގަތަކީ، މިހާރު އަމަލު ކުރާ ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރި އެއްވެސް މީހަކަށް އެ ރައްކާތެރިކަން ރާއްޖޭގެ ވަސީލަތްތަކާއި ރާއްޖެ އަށާއި ދިވެހިންނަށް ހޯދައިނުދެވުމެވެ. ފަސް އަހަރުގެ ވެރިކަމަށް ފަހު މަގާމުން ދުރަން ދާން ޖެހޭ ހިސާބުން ފެންނަނީ އެ ވަސީލަތްތަކުގެ މުހިންމުކަން އެ މީހަކަށް ނެތް ކަހަލަ މަންޒަރަކެވެ.
އެހެން ސިފަ ވަނީ މަގާމުގައި ހުރެގެން އެ ވަސީލަތްތަކުން ލިބޭ މަންފާ މަގާމުގައި ނެތް ދުވަހަކުން ސީދާ ގޮތުގައި ލިބުމުގެ ފުރުސަތު ކުޑަވުމުންނެވެ. އަނެއް ކޮޅުން މަގާމުން ވަކިވެގެންދާ އިރު ތިމާގެ ފޮށި ބާރަށް ބަންނާނެ ބުނާ އުސޫލުން މަގާމުގައި ނެތް ހިނދު އެ މުދަލާއި ވަސީލަތްތައް ވާނީ އެހެން ބައެއްގެ އެއްޗަކަށެވެ. އެހެން ކަމުން އެހެން ބައެއްގެ އެއްޗަކުން ތިމާއަށް ލިބޭ މަންފާ ކުޑަވާނެތާ އެވެ.
ތިމާގެ ގޭގަ އާއި ތިމާގެ ރަށުގައި ހުންނަ ވަސީލަތްތައް ހުސްވެ ނެތިދާ ހިނދު ތިމާ އަށް އަސަރު ކުރާނެ އެވެ. ނަމަވެސް ދުރު ތިބޭ ބަޔަކަށް އެ ވަސީލަތައް ނެތި ދިޔުމުން އެ ވަރަށް އަސަރު ނުކޮށްފާނެ އެވެ. އަތުގައި އޮތް އެއްޗެއް ގެއްލިގެން ނުވަތަ ހުސްވެގެންދާ ވަގުތު ކުރެވޭ އިހްސާސްއާ އެއް އުސޫލުން އެހެން މީހެއްގެ ނުވަތަ ތަނެއްގައި ހުރި އެއްޗެއް ހުސްވެގެން އުޅޭ ވަގުތު ތިމާއަށް ކުރެވޭ އިހްސާސް ކުޑަވާނެ އެވެ. އެހެން ކަމުން މި ކަހަލަ މިސާލުތަކަށް ބަލާއިރު، ރައްޔިތުންގެ ވަސީލަތްތަކަށް ރައީސްކަން ކުރާ މީހާއަށް ވުރެ ރައްޔިތުން ދޭނެ ރައްކާތެރިކަން ބޮޑުވާނެ އެވެ. ސަބަބަކީ ރައްޔިތުން ތިބެން ޖެހެނީ އެ ވަސީލަތްތައް ބޭނުންކޮށްގެން އެ މީހުންނާއި އެ މީހުންގެ ދަރިންގެދަރިންނާއި އަންނަށް އޮތް ޖީލުގެ ފައިދާއަށް އެދިއެދި ކަމަށް ވާތީ އެވެ.
ވަސީލަތްތަކުގެ ރައްކާތެރިކަމާއި މިޒަމާނުގެ ހިންގުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން ބޮޑުކޮށް ބޭއްވުމަކީ ގައުމެއްގެ ދުޅަހެޔޮކަމަށް ކޮންމެހެން ވެސް މުހިންމު ބަދަލެކެވެ. އެ ބަދަލު ގެނެސް ރާއްޖެ ލާމަރުކަޒީ ކުރުމުގައި ހަގީގަތުގައި ވެސް މުހިންމު ބޭނުމެއް އޮންނާނެ އެވެ. އެ ބޭނުން ފުދެމުންދާ ވަރަކަށް މާލޭގައި ހުންނަ ރައީސަށް ބަރޯސާވުން ކުޑަވެ، ސީޔާސީ ވެރިންގެ ގޭދޮށުގައި މުގޯލި އަޅާ މީހުން މަދުވެ، ސަލާން ޖަހަން ޖެހޭ ރައްޔިތުންގެ އަދަދު މަދުވާނެ އެވެ. ލާމަރުކަޒީކޮށް ހިންގަން ޖެހޭނެ ކަމަށް ބުނެފައިވާ ބުނުމަކީ ހުރިހާ މާނައެއްގައި ލާމަރުކަޒީކޮށް ހިންގުމެވެ.
އެއީ ޒަމާންތަކެއް ވަންދެން ރާއްޖެ ހިންގި ގޮތެވެ. ވަސީލަތްތައް ވެސް ވާނީ ލާމަރުކަޒީ އެވެ. އެހެން ކަމުން އެ އަތޮޅެއްގެ ބަޔަކު އެ އަތޮޅެއްގެ ވަސީލަތް ވީހާ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ގޮތެއް ހޯދާނެ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުން، އެ މީހަކު މަގާމުން ދުރަށްދާ އުސޫލުން ރައްޔިތުންނެއް އެ ވސީލަތްތަކަކާ ދުރަކަން ނުދާނެ އެވެ. އެ ވަސީލަތްތަކަށް ރައްކާތެރިކަން ދޭން ތިބޭނީ އެ މީހުންނެވެ. ދެ ވަނަ ފަށަލަ ހިންގަން ވެސް ތިބޭނީ އެ ފަށަލައިން އިންތިހާބު ކުރާ މީހާ ނުވަތަ މީހުންނެވެ. އެއީ ހުރިހާ ގޮތަކަށް ބަލާއިރު ވެސް ދެ ވަނަ ފަށަލައެއްގެ ހިންގުމުން ލިބޭނެ ވަރަށް ބޮޑު މަންފާ އެކެވެ. ހަމަ އެބީދައިން ރަށު ހިންގުމުން ކަށަވަރުކޮށް ދޭނީ ރަށްރަށުގެ ވަސީލަތުގެ ރައްކާތެރިކަމާއި ރަށު މީހުން އިންތިހާބު ކުރާ މީހުން ހިންގަން ތިބޭނެ ކަމެވެ.
ތިން ފަށަލައަށް ހިންގުން ތަރުތީބުކޮށްފައި އަދި އެގޮތުގައި ހިންގަން ޖެހޭ ވަރަށް ބޮޑު ސަބަބެއް ވެސް އެބަ އޮތެވެ. ޒިންމާދާރު ކުރުމާއި ޖަވާބުދާރީ ކުރުވުން އެންމެ މަތީ ފެންވަރުގައި އެކަންކަން ކުރަން ޖާގަ ލިބޭނެތީ އެވެ. ޒިންމާދާރު ކުރުމާއި ޖަވާބުދާރީ ކުރުވުން އިތުރުވެ ހަރުދަނާވާ އަދި ވެފައިވަ ވަރަކުން ވަސީލަތްތަކަށް ލިބޭ ރައްކާތެރިކަން ޔަގީންވާނެ އެވެ.
ރައީސްގެ ނިންމުމެއްގެ ސަބަބުން ކިތަންމެ ކަންބޮޑުވުމެއް އޮތް ނަމަވެސް އޭނާ ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުމަކީ އުޑު ބޮލަށް ވެއްޓުން ފަދަ ބޮޑު ކަމަކަން ވަނީ މާޒީން ދައްކާފަ އެވެ. ނަމަވެސް ރަށު ހިންގުމުގައި ސާމިލުވާ މީހުންނާއި އަތޮޅު ހިންގުމުގައި ޝާމިލްވާ މީހުންނަކީ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އެ މީހުންގެ ހަގީގީވެރިންކަމަށްވާ ރައްޔިތުންނާ ދިމާވާން ޖެހޭ އަދި ދިމާ ވާ ވެސް ބައެކެވެ. އެހެން ކަމުން ވަގުތުން ސުވާލުކޮށް ކަންކަން ސާފުކުރެވެ އެވެ.
ނަމަވެސް "ގައުމުގެ ރައީސް" އާ ބައްދަލުވުމަކީ ނާދިރުކަމަކަންވާނެ އެވެ. ވާނީ ވެސް އެހެންތާ އެވެ. އެއީ ރައީސެވެ. އެނާ އުޅޭނީ ވެރިރަށް މާލޭގައި އެވެ. ވަށައިގެން އެތައް ބަޔަކު ތިބޭނެ އެވެ. އޭނާ އާ ހަމައަށް ދެވުމަކީ ނުހަނު ދަތި އުނދަގޫ އަދި ބުރަކަމަކަން ވާނެ އެވެ. އެހެން ކަމުން ގިނަ ބަޔަކާ ދިމާނުވެ އުޅުމުގެ ފުރުސަތު ރައީސަށް ވަރަށް ބޮޑަށް ލިބެ އެވެ. ނަމަވެސް އޭނާގެ ނިންމުންތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަނުވަނީ މަޖިލީހުގެ ކޮންޓްރޯލް ލިބިފައިވުމާއެކު އެ އަގުލަބިއްޔަތުން ބޭނުންކޮށްގެން ކަންކަން ކުރެވޭނެތީ އެވެ.
މިހެން ވާ އެއް ސަބަބަކީ ގައުމީ ހިންގުމުގެ ފަށަލަ އާ ހަވާލުވުމަށް ފަހު، ރާއްޖެ ހިންގަން ކަނޑައަޅާފައިވާ އަސާސީ އޮނިގަނޑު ކޮންމެ ދައުރެއްގައި "ވެރިމީހާ" ބޭނުންވާ ގޮތަށް ފަސޭހައިން ބަދަލުކުރެވޭ ގޮތަށް އޮންނާތީ އެވެ. އެހެންކަމުން ކޮންމެ ރައީސަކު ވެސް އުޅެނީ އަސާސީ އޮނިގަނޑު ބަދަލުކޮށް ގައުމުގެ މުޅި ކޮންޓްރޯލް ރައީސްގެ އަތަށް ނަގާށެވެ. އެ ފަދަ ކަމެއް ކުރާއިރު ޑިމްރެޓިކް ނިޒާމުގައި ބުނާ ހާމަކަމާއި ފުޅާ ދާއިރާގައި މަޝްވަރާ ކުރުމެއް ވެސް ނޯވެ އެވެ.
މަޖިލީހުގެ ކޮންޓްރޯލް ލިބިފައިވާކަމަށް ބުނެ، މަޖިލީހުން ކަންކަން ނިންމޭނެ ކަމަށް ގާނޫނު އަސަސީގައި އޮތުމާއެކު، ބޭނުންގޮތަކަށް ކަންކަން ނިންމާލަނީ އެވެ. ބޭނުންވާ ގޮތަށް ކަންކަން ނިންމާލާއިރު މިއީ އިސްލާމީ ގައުމެއް ކަމާއި އިސްލާމްދީނުގައި ބުނެފައިވާ މަޝްވަރާ ކުރުމަށް ޖާގަ ދިނުމަކީ ކުރަން ޖެހޭކަމެއް ކަމެއް ހަނދާނުގައި ނުހުރެ އެވެ.
އިސްލާމް ދީނާއި ރަނގަޅު ހިންގުމުގައި މަޝްވަރާ ކުރަން ޖެހެނީ ގިނަ މީހުންނާ އެވެ. އެކަމުގެ ފަންނުވެރިންނާއި އިލުމުވެރިންނާއި ތަޖުރިބާކާރުންނާއެކުގަ އެވެ. ނަމަވެސް އެ ފުރުސަތު ވެސް ނުދީ ގައުމު ހިންގުމުގެ މައި ފަށަލަ ހިންގަން ހުންނަ މީހާ ބޭނުން ގޮތެއް ހަދާލަ އެވެ. އެހެން ކަމުން ގައުމަށް ލިބޭ މޮޅަށް ވުރެ ހިންގަން ހަވާލުވެ ހުންނަ މީހާ އާއި އޭނާ އަށް ބައިޔަތު ހިފައިގެން އުޅޭ މީހުންނަށް ލިބޭ މަންފާ މާ ބޮޑެވެ އެވެ. ނަމަވެސް އެއީ ގައުމެއްގެ ގޮތުގައި ހިންގާ ތަނަކަށް ވާންޖެހޭނެ ގޮތެއް ނޫންތާ އެވެ.
ދަސް ކުރަންވީ ވަސީލަތްތައް އެންމެ ރައްކާތެރިކަމާއެކު ވީހާ ވެސް ދުރު ޖީލަކަށް ފޯރުކޮށް ދެވޭނެ ގޮތެކެވެ. ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތެކެވެ. ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން އަންނާނެ ހަމަ އެކެވެ. ހަވާލުވާ މީހާ ހަވާލުވާ އިރު ރާއްޖެ ހިންގުމަށް އެކަށައަޅާފައިވާ އަސަސީ އޮނިގަނޑު އެންމެ 80 ވަރަކަށް މީހުންގެ "ރުހުން" ލިބިގެން ބަދަލު ކުރުމުގެ ބަދަލުގައި ގައުމަށް މަންފާ ލިބޭނެ ގޮތެވެ. ބަދަލު ކުރާ ނަމަ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ހާމަކަން ބޮޑުކޮށް ސައްލާއަކަށް ފަހު ރައްޔިތުންގެ އާބަހެއް، ވޯޓުލައިގެން ހޯދާށެވެ
ހުރިހާ ބާރެއް އެކަކުގެ އަތަށް ލިބުމަށް ވުރެ ގިނަވެގެން އަތޮޅުތަކަށް ދޫކޮށް އެ ތަންތަނަށް ތަރައްގީ ހޯދައިދޭށެވެ. އަތޮޅުން ކަންކަން ކުރާނެ ގޮތުގެ ސިޔާސަތު އެކަށައަޅައި ދޭށެވެ. އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިވާށެވެ. އެ މީހުން ޒިންމާދާރު ކުރުވާށެވެ. ރައީސް އުޅެންވީ ބަފަޔަކު އުޅޭގޮތަށެވެ. ބޭނުންވާގޮތާއި ވާންވި ގޮތް ބުނެދީ ލަފާ ދީ އިރުޝާދު ދިނުމުގަ އެވެ. އެހެން ގައުމުތަކުގެ މައްޗަށް ރާއްޖެ ގަދަވެވޭނެ ކަންކަން ހޯދައި އެކަންކަން ތަންފީޒު ކުރުވާށެވެ. ފަހަރެއްގައި ވެސް ނެރުފައި ކަށިލުމާ ބަށިކޯޓް އެޅުން ފަދަ ކަންކަމުގައި ވަގުތު ނަގާނުލާށެވެ. ރަށްރަށުގައި ހިންގާ ޖަމިއްޔާތަކުގެ ލެވަލުގެ ކަންކަން ދިވެހި ސަރުކާރުން ކަންކަން ނުކުރަމާ ހިނގާށެވެ. އެއީ ސަރުކާރުގެ ގާނޫނީ ޒިންމާ ތިޔަ ހީކުރާ ވަރަށް ވުރެ މާ މާތް ވެފައި މަތިވެރި އެވެ.