ads
ސާޖިދާ މުހައްމަދު
ވަޒީފާގެ މާހައުލުގައި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަން އޮންނަންޖެހޭ: ސާޖިދާ
ވަޒީފާގެ މާހައުލުގައާއި މުޖުތަމައުގެ ތެރޭގައި ހުރިހާ ފަރުދުންނަކީ ވެސް ހަމަހަމަ، އަދި އެކަކު އަނެކަކަށް އިހުތިރާމްކުރާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
Advertisement

އެކަމަނާ މިކަމަށް ގޮވާލެއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ މީހެއްގެ ކިބައިގައި ވެސް ތަފާތު ސިފަތަކާއި އެކި މިންވަރުގެ ގާބިލުކަން ހުރުމަކީ ދުނިޔޭގެ ތަބީއަތް ކަމަށާއި، ނުކުޅެދުންތެރިކަމެއް ހުރުމަކީ މީހާގެ އަގު ވެއްޓި މުޖުތަމައުއަށް ބޭކާރު މީހަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނާމެދު މުޖުތަމައު ދެކޭގޮތް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެހެން މީހުންގެ ވޭނާއި ދަތިތައް އިހުސާސްކޮށް، އެކަންކަމަށް އިހުތިރާމް ކުރާ ބަޔަކަށް ވުމަކީ ތަހުޒީބީ މުޖުތަމައެއްގެ ސިފަ ކަމަށެވެ. 

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަކީ އިންސާނީ ކަރާމަތް ނަގަހައްޓައި، ދިވެހިންގެ މެދުގައި އަމަލީ ގޮތުން ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެމްޕީއެލްއިން ފެށި މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، މީގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި، އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުންހިފައި، މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ވުމަށް އެކަމަނާ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިތްވަރު ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް