ads
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ސޮފްހާއެއް
އެމްޑީއެން އުވާލައިފި
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލައިފި އެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލައިފި އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެން އުވާލުމަށް ރަޖިސްޓްރާ އޮފް އެންޖީއޯސް ނިންމެވުމާ ގުޅިގެން ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 45 ވަނަ މާއްދާގައިވާ ފަދައިން އެމްޑީއެންގެ މުދަލާއި ދަރަންޏާއި އަދި އެންމެހާ މައްސަލަތައް ނިިންމުމަށްޓަކައި މިދިޔަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެމްޑީއެން އިން އެއްވެސް އެއްޗެއް އަންގާފައި ނުވާތީ މިއަދުން ފެށިގެން އެމްޑީއެން ރަސްމީކޮށް އުވާލާފައިވާ ކަމަށެވެ.

އެމްޑީއެން އުވާލުމުގެ ކުރިން އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީއާއި ފުލުހުންގެ އިދާރާއިން ވަނީ ތަހުގީގުކޮށްފަ އެވެ. ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން މައްސަލަ ތަހުގީގުކުރުމަށްފަހު އެމްޑީއެންގެ ރިޕޯޓްގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރިކަން ޔޫތު މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

އެހެންކަމުން އެމްޑީއެންގެ ރަޖިސްޓްރީން ބާތިލްކުރުމަށް ނިންމާ ޔޫތު މިނިސްޓްރީން އެކަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި އެމްޑީއެންގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާ ކަން ޔޫތް މިނިސްޓްރީން އެ ދުވަހު ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ފުލުހުން ބޭނުންވި އެމްޑީއެންގެ އިސް ބައެއް މީހުން ރާއްޖެއިން ބޭރުގައި ތިބުމާ ގުޅިގެން އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވިފައެއް ނުވެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓުގެ މައްސަލަ ފެންމަތިވީ މިއަހަރުގެ ތެރޭގަ އެވެ. އަދި އެ ޖަމިއްޔާއަށް ފިޔަވަޅު ނާޅާ ލަސްވުމުން ދީނީ އިލްމުވެރިންނާއި ގިނަ ބައެއްގެ ހިތްހަމަނުޖެހުން ީމީގެކުރިން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް