ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން އަންނަކަމަށް އަޑުތައްވަނީ ފެތުރިފައެވެ. އަދި އެއާއި އެކު ސަރުކާރުން ޖުޑިޝަރީއަށް ބާރު ފޯރުވަން މަސައްކަތް ކުރަނީކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ޖޭއެސްސީއަށް ވަނީ އަމާޒުވެފައެވެ.
އެ ވާހަކަތަކަށް ރައްދު ދީ ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް ޢަމަލުކުރުމަކަށް ނޫންކަމަށެވެ. އަދި ކަމާއި ގުޅޭ ގޮތުން ސާފުކުރަން ޖެހޭ މައުލޫމާތުތައް ސާފުނުކޮށް އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލަން ނުނިންމާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ފަނޑިޔާރުންގެ މައްސަލަ ބެލުމުގެ ޖޭއެސްސީން އަމަލުކުރަން ރަނގަޅަށްކަމަށް ބުނެދޭ އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ތަފާސް ހިސާބުތަކެއް ހިމަނާފައެވެ. އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަހުގީގު ކުރަން ނިންމާފައިވަނީ 57 ޝަކުވާކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 6 ފަނޑިޔާރުންނަށްކަމަށާއި އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތަކަމަށްވެސް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ. އަދި އެއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާނަމަ މަދު އަދަދެކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށްކަމަށްވެސް ޖޭއެސްސީން ބުނެއެވެ. ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހްގީގިކުރުމަކަށް ނޫންކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ތަހިގގު ކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް ނުދެކޭކަމަށްވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ވެެއެވެ.