ފުލުހުން ބުނީ ގާނޫނާއި ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން ހަ ކާޓަން މަދުވެފައިވާ ކަމަށާއި އެ ކަމާއި ގުޅިގެން ކުރިޔަށް ގެންދަން ޖެހޭ ތަހުގީގުތައް ކުރިޔަށްދާ ކަމުގަ އެވެ.
ފުލުހުން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން 23 މޭ 2025 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމުގަ އެވެ.
މީގެ އިތުރުން މި މައްސަލަގައި ކަން ހިންގާފައިވާ ގޮތް ބެލުމަށް ތަހުގީގު ކުރަމުން ދަނިކޮށް ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު 25 ކާޓަންވެސް މަދުވެފައިވާ ކަންވެސް ފާހަގަ ވެފައިވާ ކަމަށް ފުލުހުން ބުނި އެވެ.
މި 25 ކާޓަން އަކީ 23 ޑިސެމްބަރު 2024 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ހޯދައިގެން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފައިވާ ސިނގިރޭޓްތަކެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި މައްސަލަތަކާއި ގުޅިގެން އިދާރީ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑް އިން ބަލަމުން އަންނަ ކަމަށާއި މި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ.