ހއ. ފިއްލަދޫ ކައުންސިލުން އެ ރަށުގައި ޓޫރިޒަމް ވިޔަފާރި ފުޅާކުރުމަށް 50 އަހަރަށް 66 ބިން ދޫކޮށްފައިވާ ގޮތުން 69.9 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުންވަނީ އިހައްދުވަހު ބުނެފައެވެ. ފިއްލަދޫ ކައުންސިލުން ރައްދު ދިނީ އެކަމަށެވެ.
ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ކައުންސިލުން ދީފައިވާ މައުލޫމާތާއި ކޮށްފާއިވާ ކޮމެންޓުތަކާއި ކައުންސިލުން އާއްމުކޮށްފައިވާ އުސޫލަށް އޮޑިޓް ރިޕޯޓުގައި ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.
ފިއްލަދޫ ކައުންސިލުން 2024 ވަނަ އަހަރުގެ ބަޖެޓު ހޭދަކުރީ އެ އަހަރަށް ކައުންސިލު ބަޖެޓު ފާސްކުރި ގޮތާ އެއްގޮތަށްތޯ ބެލުމަށް ހަދާފައިވާ އޮޑިޓުގައި ބުނީ ކައުންސިލުގެ އިދާރާ އިން ޓޫރިޒަމަށް ބިން ދޫކުރުމަށް ތައްޔާރުކޮށްފައިވާ އުސޫލާ ހިލާފަށް ޕްރޮޕޯސަލްތައް އިވެލިއޭޓްކުރުމާއި ޕްރޮޕޯސަލްތަކާއި ހިލާފަށް އެއްބަސްވުންތައް ތައްޔާރުކޮށްފައިވުމުގެ ސަބަބުން އެ އެއްބަސްވުންތަކުގެ މުއްދަތުގައި 69.9 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.
ކައުންސިލުން ބުނީ ޓޫރިޒަމް ޒޯނުން ކުއްޔަށް ދޫކުރަން ހުޅުވާލި އެ ބިންތަކަކީ އެއްވެސް ފަރާތަކަށް މިލްކުވާނެ ހަރު މުދަލެއް ނޫންކަމަށާއި ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކޮށް އެކަމަށް ކަރަންޓުގެ ހިދުމަތަށް އެދުމުން ފެނަކައިން އެ ހިދުމަތް ރަނގަޅުކުރުމާ އެކު ފޯރުކޮށްދެވޭނެ ކަމަށް ދެކޭ ކަމަށެވެ.