ads
ރާއްޖެ އާއި ސައުދީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ: އެ އެއްބަސްވުމުގެ ދަށުން ޝަރުއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދީ އަދި ފަންނީ ގާބިލްކަން އިތުރުކުރަން ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވޭ - ފޮޓޯ: ސުޕްރީމް ކޯޓް
ޖުޑިޝަރީ ހަރުދަނާކުރަން ސައުދީއާއެކު އެއްބަސްވުމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
Advertisement

ސުޕްރީމް ކޯޓުން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ ޖަސްޓިސް މިނިސްޓަރު ޑރ. ވާލިދް އަލް ސަމާނީ އެވެ.

ސުޕްރީމް ކޯޓުން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކޮށް، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ކަމާއި ގާބިލްކަން ތަރައްގީކޮށް، ކުރިއެރުވޭނެ ކަމަށެވެ.

މީގެ އިތުރުން ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާ ކުރުމާއި އެ ދާއިރާއާ ގުޅުންހުރި މައުލޫމާތާއި ތަޖްރިބާ އަދި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ މައުލޫމާތުތައް ވެސް އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުން ހިއްސާ ކުރާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ފަންނީ ކޮންފަރެންސްތަކާއި ތަމްރީން ޕްރޮގްރާމްތަކުގެ އިތުރުން ފަންނީ މާހިރުންގެ ތަޖްރިބާތަކާއި ހުނަރުތައް ވެސް ހިއްސާކޮށް، މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ އެވެ.

މިއީ ރާއްޖޭގެ ޖުޑިޝަރީން އަރަބި އިސްލާމީ ގައުމެއްގެ ޖުޑިޝަރީއާ ދެމެދު ސޮއި ކުރެވުނު ފުރަތަމަ އެއްބަސްވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް